ބޭރު ކުޅިވަރު

އަހަންނަކީ ގާޑިއޯލާއެއްނޫން، އެއީ މޮޅު ކޯޗެއް: ޒިދާން

އޭނާއަކީ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ފަދަ މީހެއްނޫން ކަމަށާއި ގާޑިއޯލާ އަކީ މޮޅު ކޯޗެއް ކަމަށާއި އޭނާއާ އަޅާނުކިއުމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޒިދާން އަކީ ގާޑިއޯލާ ފަދަ މީހަކަށްވެދާނެ ކަމަށް ބުނެ މި ދެ މީހުންގެ ވާހަކަ ދެކެވެން ފެށީ ރެއާލްގެ ކޯޗުކަމާ ޒިދާން އިއްޔެ ހަވާލުވުމުންނެވެ.

ޒިދާން މީގެ ކުރިން ހުރީ ރެއާލްގެ ބީ ޓީމުގެ ހެޑްކޯޗަކަށެވެ. ކާމިޔާބު ކޯޗެއްގެ ގޮތުގައި ފެނިގެންދިޔަ ގާޑިއޯލާ ވެސް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ އެކުލަބުގެ ޔޫތު ޓީމުގައި ހުރެފަ އެވެ.

"ކަލޭމެން އަހަންނާ ގާޑިއޯލާއާ އަޅާކިޔާނެ ކަމެއްނެތް. އޭނާ ވަނީ ވަރަށް ގިނަގުނަ ކާމިޔާބީތައް ހޯދާފައި. ގާޑިއޯލާ އަކީ މޮޅު ކޯޗެއް. އޭނާ ކޯޗެއްގެ ގޮތުގައި ކުރި ކަންތައްތަކަކީ އަހަރެން ވެސް ވަރަށް ޝައުގުވެރިކުރުވަނިވި ކަންތައްތަކެއް،" ބާސެލޯނާގެ ކޯޗުކަމުގައި ހުރި ހަތަރު އަހަރު 14 ތަށި ހޯދި ގާޑިއޯލާއާ ބެހޭ ގޮތުން ޒިދާން ބުންޏެވެ.

ނަމަވެސް ޒިދާން ބުނީ އެއްވެސް މީހަކާ އޭނާއާ އަޅާކިޔަން ބޭނުންނުވާ ކަމަށާއި ކުޅުންތެރިއެއްގެ ގޮތުގައި ވެސް އޭނާ އެކަންކޮށްފައިނުވާ ކަމަށެވެ.

"ގާޑިއޯލާ އަކީ ގާޑިއޯލާ. އަހަރެން އެއްވެސް މީހަކާ އަޅާކިޔާކަށް ބޭނުމެއްނޫން. އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި ވެސް އެކަން ނުކުރަން. ކޯޗެއްގެ ގޮތުގައި ވެސް އެކަން ކުރާކަށް ބޭނުމެއްނޫން،" ޒިދާން ބުންޏެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ޒިދާން އަކީ ރެއާލް މެޑްރިޑުގެ ލެޖެންޑެކެވެ. ވޯލްޑް ކަޕް ފައިނަލުގައި 1998 ވަނަ އަހަރު ބްރެޒިލް ކޮޅަށް ދެ ލަނޑު ޖެހި ކުޅުންތެރިޔާ އިޓަލީގެ ޔުވެންޓަސްއިން ރެއާލް އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ފީ އަކަށެވެ. އޭގެ ފަހުން ރެއާލްގެ މީހެއްގެ ގޮތުގައި އެކި މަގާމުތަކުގައި ފެނިގެންދިޔަ ޒިދާން ކޯޗުކަމާ ހަވާލުވެ ބޭއްވި ފުރަތަމަ ފަރިތަކުރުންތައް ބަލައިލުމަށް އިއްޔެ ރެއާލްގެ 6000 މީހުން އެއްވި އެވެ.

އޭނާ ބުނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި ގެރެތް ބޭލް އަށް ކޯޗުކަމުން ބެނީޓޭޒް ވަކިކުރުމަކީ އުފާވެރި ހަބަރެއްނޫން ކަމަށެވެ. ނަމަވެސް އޭނާ ވެސް ބޭލްއާ މެދު ކަންތައްތައް ކުރާނީ ބެނީޓޭޒް ކުރިހާ ރަނގަޅަށް ކަމަށެވެ.

ޒިދާން ބުނީ ކޯޗެއްގެ ގޮތުގައި ޓީމު ގޮވައިގެން ނުކުންނަން އޭނާ މުޅިން ތައްޔާރުނޫން ކަމަށާއި ނަމަވެސް އޭނާގެ އުއްމީދުތަކަކާއި އަމާޒެއް އެބައޮތް ކަމަށެވެ. އެކަމަށް ވިސްނުންތަކެއް ވެސް އެބަހުރި ކަމަށާއި ކާމިޔާބު ހޯދަން އޭނާ ގަދައަޅައި މަސައްކަތްކުރާނެ ކަމަށެވެ.