މައިންބަފައިން މާ ބުރަކޮށް އުޅޭތަން ފެނުމުން ބައެއް ކުދިންނަށް އެމަންޒަރު ބަލާކަށް ނުތިބެވެ އެވެ. އެ ކުދިންނަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން ނުކުމެ އެވެ. އިންޑޮނީޝިޔާގެ ޓީންއޭޖް ފުރައިގެ އަންހެން ކުއްޖެއް ކަމަށްވާ ނޫރް ހާލިސާ އަކީ ވެސް މިފަދަ ކުއްޖެކެވެ.
ކޮންސްޓްރަކްޝަން ސައިޓެއްގައި ބަރު ސިމެންތި ބަސްތާތައް އުފުލުމުގައި ނޫރް ހާލިސާ ވަރަށް ބުރަކޮށް އުޅެމުން ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވިއެވެ.
ބުރުގާ އަޅައިގެން ހުރި މި އަންހެން ކުއްޖާ އަކީ ސްކޫލަށް ދާ އުމުރުގެ ކުޑަ ކުއްޖެއް ނަމަވެސް އޭނާ ކުރާ މަސައްކަތަކުން އެއީ ކުޑަ ކުއްޖެއް ކަމަކަށް ނުފެނެ އެވެ.
ނޫރް ހާލިސާ ބުނީ އޭނާ މި މަސައްކަތް ކުރަނީ މައިންބަފައިންނަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އޭނާގެ މަންމަ އާއި ބައްޕަ އަކީ ވެސް ކޮންސްޓަކްޝަން ސައިޓުގައި މިގޮތަށް ބުރަ މަސައްކަތްކުރާ ދެ މީހުން ކަމަށާއި އެހެންވެ އެމީހުންނަށް ލުއި ކޮށްދޭން އެމީހުންގެ މަސައްކަތުގެ އެއްބައިގައި އޭނާ ހިފައިދެނީ ކަމަށެވެ.
ނޫރް ހާލިސާ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަނީ ސްކޫލުން ނިމިގެން އައިސް އެ ލިބޭ ހުސް ވަގުތުގަ އެވެ.
"މަންމަ އާއި ބައްޕަ ބުރަކޮށް މަސައްކަތް ކުރާތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ. އެހެންވެ އަހަރެންގެ ހަޔާތުން ކިތަންމެ ކުޑަ ދުވަސްކޮޅެއް ނަމަވެސް އެމީޙުންނަށް ހިދުމަތް ކުރުމުގައި ހޭދަ ކުރެވޭތޯ މި ބަލަނީ. އަހަރެން މަސައްކަތް ކުރަނީ ސިމެންތި އުފުލާ މީހެއްގެ ގޮތުގައި. ސަބަބަކީ މަންމަ އާއި ބައްޕަ އަށް މިހާރު ސިމެންތި ބަސްތާ އުފުލޭ ވަރު ނުވާތީ،" ނޫރް ހާލިސާ ބުންޏެވެ.
ޓިކްޓޮކްގައި ވައިރަލްވި މި ވީޑިއޯ އަށް 5.8 މިލިއަން ވިއުޒް މިހާތަނަށް ލިބިފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ކޮމެންޓޫކޮށްފައި ވެއެވެ.
އެންމެން ވެސް ނޫރް ހާލިސާގެ ރަނގަޅު ކަމަށް ތައުރީފުކޮށް އޭނާ ކަހަލަ ދަރިއަކު ކޮންމެ މީހަކު ވެސް ލިބެން ބޭނުންވާނެ ކަމަށް ބުނެފައި ވެއެވެ.