ދުނިޔެ

އީރާން ނިއުކްލިއާ މަޝްވަރާތަކަށް އޮތް ހުރަހަކީ އެމެރިކާ: ޗައިނާ

އީރާންއާއެކު ސުލްހަވެރި ގޮތުގައި ނިއުކްލިއާ އެއްބަސްވުމެއް އެމެރިކާއަށް ގާއިމުނުކުރެވިގެން އުޅެނީ އެމެރިކާގެ ދުފުށްކެހެރި ކަމުން ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަން ޖުން ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަފާނެ ކަމަށް އެމެރިކާ ޖެހިލުންވެ ބިރުންއުޅޭ ތަން ފެންނައިރު، އަނެއްކޮޅުން ފެންނަނީ "އޯކަސް" ނަމަކަށް ކިޔާ ބައިގަނޑެއް އުފައްދައިގެން ނިއުކްލިއާ ބާރުވެރިކަން ނެތް ގައުމުތަކަށް ނިއުކްލިއާ ފޯރުކޮށްދޭން އުޅޭތަން ކަމަށެވެ.

އޯކަސް އަކީ އެމެރިކާ އާއި އިންގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައި އޮތް ދިފާއީ އެއްބާރުލުމެކެވެ. މި އެއްބާރުލުމުގެ ދަށުން އޮސްޓްރޭލިއާގެ އަސްކަރިއްޔާއަށް ނިއުކްލިއާ ސަބްމެރީން އުފައްދައި ދިނުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން އޮތީ ވައުދުވެފަ އެވެ.

އޯކަސް އަކީ އެމެރިކާގެ ދަހިކަމުގެ ވެސް މިސާލެކެވެ. އޯކަސް އުފެއްދުމަށް އެމެރިކާ އިސްނެގީ ދެ ބޭނުމަކު އެވެ.

ފުރަތަމަ ބޭނުމަކީ އޯކަސް އުފެއްދުމުގެ ކުރިން އޮސްޓްރޭލިއާ ސަރުކާރުން ސަބްމެރީން އުފައްދަން ފްރާންސަށް ދީފައި އޮތް 950 ބިލިއަން ޑޮލަރުން ބައެއް -- ނޫން ނަމަ އެ ޑީލް އެއްކޮށް އެމެރިކާ ޖަހައިގަތުމެވެ. ދެން އޮތް ބޭނުމަކީ ދެކުނު ޕެސިފިކް ކަނޑުގައި ޗައިނާ ސައިޒުކުރުމެވެ.

ޗައިނާ ސައިޒުކުރަން އެމެރިކާ ވިސްނާ ގޮތަކީ އޮސްޓްރޭލިއާ ބާރުވެރިކޮށް އަސްކަރީ އުޅަނދުތައް ޕެސިފިކް ސަރަހައްދަށް ފަތުރާލުމެވެ. އެއާއެކު އެ ސަރަހައްދު މޮނީޓަރު ކުރެވޭ ގޮތަށް ޖާސޫސީ ސެޓެލައިޓްތައް ފާރަވެރި ކުރުވުމެވެ.

އޮސްޓްރޭލިއާގެ އާނެމް ސްޕޭސް ސެންޓަރުން އެމެރިކާގެ ޖައްވީ އިދާރާގެ ފުރިހަމަ ބާރުގައި ރޮކެޓް ލޯންޗްކުރަން ފެށީވެސް އެމެރިކާއިން ކުރިން ވިސްނާފައި އެޖެންޑާއެއްގެ ދަށުންނެވެ.

ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި އީރާނާ އެކު ސުލްހަވެރި އެއްބަސްވުމެއް ގާއިމުކުރުމަކީ ދުނިޔެ އެންމެ އެދޭ ގޮތް ކަމަށެވެ. އެހެން ނަަމަވެސް މަދަނީ ބޭނުންތަކަށް ފުދޭ ވަރަށް ނިއުކްލިއާ ބާރުވެރިކަން އީރާންގައި ހުރުން މައްސަލައަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާ އަކީ ނިއުކްލިއާ ބާރުވެރިކަން ގައުމުތަކަށް ލިއްބައި ނުދިނުމަށް އަހުދުވެ މުއާހާދާތަކުގައި ސޮއިކޮށްފައި އޮތް ގައުމަކަށް ވާއިރު، އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރިން ފޯރުކޮށްދިނުމުން ޖެހެނީ ކޮންތާކުތޯ ސަފީރު ސުވާލު ކުރެއްވި އެވެ.

އެމެރިކާގެ ކިބާގައި މިފަދަ ދަހިވެތި ކަމެއް ނެތް ނަމަ އީރާނާ އެކު މިހާރު އޮންނާނީ އެމެރިކާ އެދޭ ފެންވަރުގެ އެއްބަސްވުމެއް ގާއިމު ކުރެވިފައި ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.