ތޮއްޑޫ

ތޮއްޑޫއަށް އެސްއެމްއީ ބޭންކުން 30 މިލިއަން ރުފިޔާގެ ލޯނު

Jul 10, 2022
1

ތޮއްޑޫގެ ގެސްޓްހައުސް ވިޔަފާރި ތަރައްގީ ކުރަން އެސްއެމްއީ ޑިވްލޮޕްމަންޓް ބޭންކް (އެސްޑީއެފްސީ) އިން 30 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެ ރަށުގެ ގެސްޓްހައުސްތައް ކުއްލި ގޮތަކަށް އިތުރު ވެގެން ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ބަޔަކީ އެސްއެމްއީ ބޭންކް ކަމަށެވެ.

"މި ރަށުގެ ގެސްޓްހައުސްތައް ކުރިއަރައިގެން ދިއުމުގައި އެންމެ މުހިންމު ރޯލެއް ކުޅުނު ބަޔަކީ އެސްއެމްއީ ބޭންކް. މިކަން ފާހަގަކުރަން ޖެހޭ. މިއީ ބީއެމްއެލް އިން ދޫކުރި ލޯނުތަކާ ބެލި ނަމަވެސް އިތުރު އަދަދެއް،" ކަރަމް ވިދާޅުވި އެވެ.

ކަރަމް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާ ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހާރު ރަޝިއާ ހަނގުރާމައިގެ ސަބަބުން މި ރަށުގެ މާކެޓު ދަށްވެފައިވީނަމަވެސް ރަނގަޅު ވެގެން ދާނެ ކަމަށް އުންމީދު ކުރެވޭ. އެހެންވެ ވަރަށް ހަލުވިކަމާއެކު އިތުރު ގެސްޓްހައުސް އެނދު ތަކެއް ހުޅުވިގެންދާނެ،" ކަރަމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ ގެސްޓްހައުސް ހުރި ރަށަކީ ތޮއްޑޫ އެވެ. އެ ރަށުގައި 53 އަށްވުރެ ގިނަ ގެސްޓްހައުސްގައި ހިދުމަތް ދެމުން ގެންދެ އެވެ.