ދުނިޔެ

ނިއުކްލިއާ ވޯހެޑްގެ ވާދަވެރިކަން އިތުރުވަނީ

ނިއުކްލިއާ ހަތިޔާރު ހުރި ގައުމުތަކުން ނިއުކްލިއާ ބާރުވެރިކަން އިތުރުކުރަން މަސައްކަތްކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑުގަދަވާން ފަށައިފި އެވެ.

ދުނިޔެ މިހާރު އޮތް ހާލަަތަށް ބަލާއިރު ވާދަވެރިކަން އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ ނިއުކްލިއާ ވޯހެޑް ގިނަކުރުމުގައި ކަމަށް މިނިވަން ދިރާސާތަކުން ދައްކަ އެވެ.

މި އަހަރު ކުރީކޮޅު ސްޓޮކްހޯމް އިންސްޓިޓިއުޓް ފޯ ޕީސް ރިސާޗް އިން ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައި ހަބަރު އޭޖެންސީތަކުން ބުނާ ގޮތުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވާދަވެރިކަން އެންމެ ބޮޑުވާނީ ނިއުކްލިއާ ވޯހެޑް އެންމެ ގިނަ ގައުމަކަށް ވުމަށް ކުރާ މަސައްކަތްތަކެވެ.

ދުނިޔެ ދަންނަ ނިއުކްލިއާ ހަތިޔާރު ވަކިން ދަރަޖަކޮށް އަދި ނިއުކްލިއާ ވޯހެޑް ވަކިން ދަރަޖަކޮށްފި ނަމަ ބާރުވެރިކަން ހުރި ގައުމުތަކުން ނިއުކްލިއާ ވޯހެޑް ގިނަކުރަން އިސްކަން ދޭނެ ކަމަށް ވެސް ބުނެވެ އެވެ.

ނިއުކްލިއާ ހަތިޔާރާ ބެހޭ ގޮތުން ޖުމުލަ ގޮތެއްގައި ބެލެވިފައި އޮތީ އެއީ އޭގެ ނުރައްކާތެރިކަމާ ހެދި ގިނަކުރަން ބުއްދިވެރި އެއްޗެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިއީ ކުށްހީއެއް ކަމަށް މިހާރު ވަނީ ނިންމާފަ އެވެ.

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ހުރި އަދަދު މަދުކުރަން ނުވަތަ ނައްތާލުމުގެ ނިޔަތުގައި ގައުމުތަކުން ޖުލައި 1، 1968 ގައި ސޮއިކުރި "ނަން-ޕްރޮލިފަރޭޝަން ޓްރީޓީ" (އެންޕީޓީ) ގޮވާލާފައި އޮތީ ތިން އަސާސެއް ދެމެހެއްޓުމަށެވެ.

އެއީ ނިއުކްލިއާ ހަތިޔާރު -- ނިއުކްލިއާ ވޯހެޑް ވެސް ހިމެނޭ ގޮތުން، ހިފެހެއްޓުމެއް ނެތި އިތުރުކުރުން ކޮންޓްރޯލްކުރުމާއި، މަދަނީ ބޭނުންތަކަށް ނިއުކްލިއާ ބޭނުންކުރެވޭ މިންވަރު ދަރަޖަކުރުމާއި އަދި ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންކުރާ މާއްދާތައް ބޭނުންކުރެވޭ ފެންވަރަށް ނުގެނައުމެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1945 ވަނަ އަހަރު އެމެރިކާއިން ދެ ތާރީޚެއްގައި ޖަޕާންގެ ހިރޮޝީމާ އާއި ނަގަސާކީއަށް އެޓޮމިކް ދެ ބޮން އެޅި އެވެ.

މި ހާދިސާއަށް ފަހު ބިރުވެރި ހަތިޔާރުން ދުނިޔެ ހިމާޔަތްކުރަން ގައުމުތަކުން ސައްލާކުރި އެވެ. އެއިރު ގައުމުތަކުން ވަކި ގޮތަކަށް އެއްބަސްވެފައި އޮތް ނަމަވެސް މިހާރު ފެންނަނީ އެއްބަސްވުން ދޫކޮށް އެބަޔަކާއި އެބަޔަކު ގަދަވެގަތުމަށް ވާދަކުރާ މަންޒަރެވެ.

އޭގެ އެއް މިސާލަކީ ނިއުކްލިއާ ބާރުވެރިކަން އިތުރުކުރަން ފްރާންސް ކުރާ މަސައްކަތްތަކާއި އޮސްޓްރޭލިއާއަށް ނިއުކްލިއާ ބާރުވެރިކަން ދިނުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ކުރާ މަސައްކަތްތަކެވެ.

ދުނިޔޭގައި މިވަގުތު ނިއުކްލިއާ ވޯހެޑް ހުރި ގައުމުތަކަކީ އެމެރިކާ އާއި ރަޝިއާ އެވެ. ދުނިޔޭގައި ހުރި ނިއުކްލިއާ ވޯހެޑްގެ 90 ޕަސެންޓް ހުރީ މި ދެ ގައުމުގަ އެވެ.

ނިއުކްލިއާ ވޯހެޑް އެންމެ ގިނައިން ހުރީ ރަޝިއާގަ އެވެ. އެއީ 5،997 އެވެ. އެމެރިކާގައި 5،428 އެވެ. ނިއުކްލިއާ ވޯހެޑް ހުރި އެހެން ގައުމުތަކަށް ބަލާއިރު ޗައިނާގައި 350 ވޯހެޑް، އިނގިރޭސިވިލާތުގައި 225، ޕާކިސްތާންގައި 165، އިންޑިއާގައި 156، އިޒްރޭލުގައި 90 އަދި އުތުރު ކޮރެއާގައި 20 ވޯހެޑް އެވެ.