ރައީސް އޮފީސް

ޓީޗަރުން ނުލިބޭ ސަބަބު ބެލި ދިރާސާ ނެރެފި

ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރުމަށް އުފެއްދި ރިސާޗް ގްރޫޕުން އެކުލަވާލި ރިޕޯޓު "އެދުރުންގެ ފަންނު؛ ގޮންޖެހުންތަކާއި ހުށަހެޅުންތައް" ޝާއިއު ކޮށްފި އެވެ.

މި ރިޕޯޓް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ފެންނާނެ ގޮތް ވަނީ ހަދާފަ އެވެ.

ރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެކަން އިއުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގަ އެވެ.

ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ މި ގުރޫޕާއި ދިރާސާގެ މަސައްކަތް ހަވާލުކުރެއްވީ އޮކްޓޫބަރު 31، 2021 ގައެވެ.

މި ދިރާސާގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރި ނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށް ދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ. އަދި ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުމެވެ.

މި ދިރާސާއިން މުދައްރިސުން ތައުލީމީ ދާއިރާ ދޫކޮށްފައިދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަ ކުޑަވުމާއި މަސައްކަތް ބުރަވުމާއި މުދައްރިސުންގެ ހައްގުތައް ރައްކާތެރި ނުވުމާއި އަދި މަސައްކަތު މާހައުލުގެ ވަސީލަތްތައް ނެތުން ފަދަ ކަންތައްތައް ފާހަގަވި އެވެ.

މި ރިޕޯޓް ވަނީ މާރިޗު 9، 2022، ދުވަހު ރިސާޗް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފަ އެވެ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފަ އެވެ.