ނޫސްވެރިން

ނޫސްވެރިޔާ ހައްޔަރުކުރީ ބަންދު ސަަރަހައްދުން ފޮޓޯ ނެގުމުން: ޕޮލިސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާއަށް މިއަދު މާލެ ގެނެސް އަނބުރާ ދޫނިދޫއަށް ގެންދަނިކޮށް، އަދީބުގެ ފޮޓޯއެއް ނަގަން އުޅުނު ނޫސްވެރިޔަކު ހައްޔަރުކޮށްފައި ބެއްޓުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ހައްޔަރުކުރީ ސަން އޮންލައިންގެ ހުސައިން ހަސަން އެވެ. އޭނާއަކީ މީޑިއާ ކައުންސިލްގެ މެންބަރެއް ވެސް މެއެވެ.

ފުލުހުން ބުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކުން ފޮޓޯ ނުނެގުމަށް ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ނެގި "މީހަކު" ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދު ކުރީ މިއަދު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުން ފޮޓޯ ނުނެގޭނެ ކަމަށް ބުނެފައި ވަނިކޮށް ފޮޓޯ ނެގުމުން ކަމަށެވެ.

އަދި ބުނީ، ހައްޔަރު ކުރި "މީހާ" އަކީ ނޫސްވެރިއެއްކަން އޭނާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި އޭނާގެ އަތުގައި ޕްރެސް ކާޑް ނެތް ކަމަށެވެ.

އަސްކަރީ ހޮސްޕިޓަލްގައި އަދީބަށް ފަރުވާ ދިނުމަށް މާލެ ގެނައީ މިއަދު ހެނދުނު 9:15 އިގައެވެ. ސެނެހިޔާގައި އަދީބު ހޯއްދެވީ ލޮލުގެ ފަރުވާ އެކެވެ. އެ ހޮސްޕިޓަލްގެ ފަރުވާއަށް ފަހު އަދީބު ފުލުހުންގެ ޖިޕެއްގައި ނެރެގެން ގެންގޮސްފައި ވަނީ 10:45 އެހާކަން ހާއިރު އެވެ. ސެނަހިޔާ ހިމެނޭ މުޅި ސަރަހައްދު ފުލުހުން އޮތީ ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފަ އެވެ. އަދީބު ފުލުހުންގެ ޖިޕަށް އެރުވީ ވެސް އާންމުންނާ ނުފެންނާނެހެނެވެ. އަދި ފުލުހުންގެ ދެ ވެހިކަލެއް އައީ އަދީބު އިން ޖިޕަށް ސެކިއުރިޓީ ވެސް ދެމުންނެވެ.

މިއީ މިދިއަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަ ފަހުން މާލެ ގެނައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަދީބުގެ އެކްސްރޭ އެއް ނަގަން ޖެހުމުން ދުނިދޫ އަށް ވަނީ އެކްސްރޭ މެޝިން ގެންގޮސްފަ އެވެ. އަދީބުގެ ބަންދުގެ މުއްދަތު ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އިތުރު ކުރީ ވެސް އަދި އަދީބުގެ މައްޗަށް ހިޔާނާތުގެ ދައުވާ ކޮށް ޝަރީއަތް ފެށީ ވެސް ދޫނިދޫގައި ކްރިމިނަލް ކޯޓުގައި ބްރާންޗެއް ހަދައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.