ޖޭއެސްސީ

ހައިކޯޓުގެ ފަނޑިޔާރަކަށް ސަލީމާއި ދީބާނާޒް

Jul 7, 2022
1

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެގޮތުން އައްޔަންކުރައްވަން ނިންމާފައިވާ ދެ ބޭފުޅުންނަކީ ކ.މާލެ މ. ގުލްޝަން އަލްއުސްތާޒާ ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޒު މުހައްމަދު ސަލީމް އެވެ.

ދީބާނާޒް ފަހުމީއަކީ ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ހާސިލް ކުރެއްވުމަށްފަހު، މާސްޓާ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަސިޓީ އޮފް ކެންޓަބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ދީބާނާޒް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ދީބާނާޒް މިވަގުތު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ. ގާޒީގެ މަގާމަށް ދީބާނާޒް އައްޔަންކުރީ ސެޕްޓެންބަރު 2، 2020 ގައެވެ.

އަލްއުސްތާޒު މުހައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. މުހައްމަދު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. 

ހައިކޯޓަށް އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ ދީބާނާޒް އާއި ސަލީމު ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޯގަސްޓް މަހުގެ ނުވަވަނަ ދުވަހު އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކުރިން އެ މަގާމުތަކުގައި ތިއްބެވި އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒް އާއި ސަލީމު އައްޔަންކުރަން ނިންމިއިރު އެ މަގާމަށް މާލޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ގާޒީންތަކެއް ކުރިމަތިލެއްވި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން ހުންނެވި އަލީ ސަމީރު ވެސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ވަނީ އެ މަގާމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު ވެސް އައްޔަންކޮށްފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.