މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމު ހިންގާނެ ގޮތް ކިޔައިދީފި

Jul 8, 2022

ގައިދީންނަށް ރިހިބިލިޓޭޝަން އަދި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ބޭނުންކުރެވިދާނެ ރައްކާތެރި ގޮތްތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ކިޔައިދީފި އެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެންނެވެ.

ސޭފް އެންޑް ސެކިޔޯ އެޕްރޯޗަސް ޓު އިފެކްޓިވް ރިހެބިލިޓޭޝަން އެންޑް ވޮކޭޝަނަލް ޓްރޭނިންގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ކަރެކްޝަންގެ 14 އޮފިސަރަކު ބައިވެރިވެ އެވެ.

ފަސް ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމު ނިންމި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕާޓް އެލިއުޑް އޮޕިލޯ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ރިހިބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަމަށެވެ. ސެންޓަރުތައް ގާއިމުކޮށް ނިމުމުން މިހާރަށްވުރެ ގިނަ ގައިދީން ޕްރޮގްރާމްތަކުގައި ބައިވެރިކޮށް، ރިހިބިލިޓޭޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވި، އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާރު ކުރިއަށް ގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޖުވެނައިލް އަދި ސެކްސް އޮފެންޑާ ފަދަ އެކި ދާއިރާތަކުން ޕްރޮގްރާމްތައް މިހާރު ފަރުމާ ކުރެވެމުން ވެސް އެބަދޭ،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވަނީ ކިޔަވާ އެއްޗެއްގެ ބޭނުން ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ކަރެކްޝަންގެ އޮފިސަރުންނަށް އިލްތިމާސް ވެސް ކުރައްވާފަ އެވެ.

ގައިދީން ރިހިބިލިޓޭޓްކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް ކަރެކްޝަނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގައިދީންނަށް ތައުލީމީ އަދި ފަންނީ ތަމްރީންތަކާއި ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދެ އެވެ.