ގދ. ފިޔޯރީގައި އަޟްހާ އީދުގެ އުފާ ފާހަގަކުރަމުންދާއިރު ފެނާއި ކުލަޖެހުން މަނާކޮށްފި އެވެ.
ފިޔޯރީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އީދު ފާހަގަކުރަނީ މުސްލިމުންގެ ތެރޭގައި އޮންނަ އަޚުވަންތަ ގުޅުންތަށް ބަދަހިކޮށް ދީނީ ހަމަތަކުގެ ތެރެއިން މުޅި މުޖުތަމައުގައި އުފާވެރިކަން އަށަގެންނެވުމަށް ކަމަށެވެ. އެކަމަކު އީދު ފާހަގަކުރުމުގެ ގޮތުން މަގުމަތީގައި އުޅޭ މީހުންގެ ގަޔަށް ކުލަ ޖެހުމަކީ ފެންނަމުންދާ ހިތާމަވެރި އަމަލެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ވީމާ މިހިނގާ 1443 ވަނަ އަހަރު އަޟްހާ އީދުގައި އާންމު ތަންތާގައި އާންމުންގެ ގަޔަށް ކުލަ ޖެހުން ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެެ." ބަޔާނުގައިވެ އެވެ.
މުޖުތަމައުގައި އަމާންކަން ގާއިމުކުރުމަށް ކައުންސިލުން އެންގި އެންގުމަށް އެއްބާރުލުން ދިނުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
ފިޔޯރީގައި އަޟްހާ އީދުގެ އުފާ ފާހަގަކުރަމުގެ ގޮތުން ފެނާ ކުލަޖެހުން މަނާކޮށްފައި މިވަނީ އީދު ފާހަގަކުރުމަށް ކުލަ ޖަހައިގެން ބައެއްގެ ތެރޭގައި މާރާމާރީ ހިންގާފައި ވަނިކޮށެވެ.