ސައުދީ އަަރަބިއްޔާ

ޖިއްދާ އެއާޕޯޓުން ޒަމްޒަމް ފެން ގެންދިއުމުގެ ހުއްދަ ދީފި

ސައުދިއަރަބިއްޔާގެ ޖިއްދާ އެއާޕޯޓުން ފުރާ މީހުންނަށް ޒަމްޒަމް ފެން ގެންދިއުމުގެ ހުއްދަ ސައުދީ ސަރުކާރުން މިއަދު ދީފި އެވެ.

ސައުދީ ސަރުކާރުން މި ހުއްދަ ދީފައި މިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖިއްދާ އެއާޕޯޓުން ފުރާ މީހުންނަށް ޒަމްޒަމް ފެން ގެންދިއުން މަނާ ކޮށްފައި އޮތުމަށް ފަަހު އެވެ. އެ ފިޔަވަޅަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެޅި ފިޔަވަޅެކެވެ.

އެ ފިޔަވަޅު އުވާލާ ސައުދީން މިއަދު ބުނީ ޖިއްދާ އެއާޕޯޓުން ފުރާ ހައްޖުވެރީންނަށް ފަސް ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް މިހާރު ގެންދެވޭނެ ކަމަށެވެ. އަދި ޖިއްދާ އެއާޕޯޓުން ޒަމްޒަމް ފެން ގަންނަންވެސް ލިބޭނެ ކަމަށެވެ.

ޒަމްޒަމް ވަޅުކޮޅު ހުންނަނީ ކައުބަތުއްﷲ ގެފުޅުގެ އިރުމަތީ ފަރާތުގައެވެ. ކައުބާއާ 21 މީޓަަރު ދުރުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަސޭހައިން ޒަމްޒަމް ފެން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަބްދުﷲ ރަސްގެފާނުގެ ޒަމާއަތުގައި ވަނީ ހާއްސަ ފެކްޓްރީއެއް އުފައްދާފައެވެ. އެއީ 2010 ވަނަ އަހަރު އެވެ. އެ ފެކްޓްރީ އިމާރާތް ކޮށްފައިވަނީ 700 މިލިއަން ރިޔާލް ހަރަދު ކޮށްގެންނެވެ. އެ ފެކްޓްރީގައި 1.5 މިލިއަން ފެންފުޅި ރައްކާކުރެވެއެވެ.