ރާއްޖެ ކުޅިވަރު

ސާފް ޗެމްޕިއަންޝިޕުގައި ނުކުޅެން އިންޑިޔާ ވެސް ވިސްނަނީ

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެން އިންޑިޔާ ވެސް ވިސްނަން ފަށައިފި އެވެ.

މިއީ ދެކުނު އޭޝިޔާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ނުކުޅެން ވިސްނި ސާކުގެ ދެ ވަނަ ގައުމެވެ.

2005 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ވާދަކުރަމުން އަންނަ އަފްގާނިސްތާން ވަނީ އިންޑިޔާގައި މިދިޔަ އާދިއްތަ ދުވަހު ނިމުނު މުބާރާތަށް ފަހު ސާފް ޗެމްޕިއަންޝިޕުގައި ވާދަނުކުރާނެ ކަމަށް މާކުރިން ވެސް ބުނެފަ އެވެ. އެއީ އެ ގައުމުގެ ފުޓްބޯޅަ އެހެން ލެވެލް އަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަފްގާނިސްތާން ވަނީ މެދުތެރޭ އޭޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ މެމްބަރުކަން ވެސް ހޯދައިފަ އެވެ.

އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނީ ސާފް އަކީ ވަކި ލެވަލް އެއް ކަމަށާއި އެއަށްވުރެ މަތީ ލެވެލްއެއްގައި ކުޅުމަކީ އިންޑިޔާގެ ފުޓްބޯޅަ ކުރިއަށްދާން ލިބޭ ބާރަކަށްވާނެ ކަމަށެވެ. މި ގޮތުން އޭނާ ވަނީ އާސިއާންގެ މުބާރާތްތަކުގައި އިންޑިޔާ ވާދަކުރުމަކީ ރަނގަޅު ކަމެއް ކަމަށް ބުނެފަ އެވެ.

"ސާފް އަކީ ވަކި ލެވެލްއެއް. އަހަރުމެން ސާފުގެ ޓީމުތަކާ ކުޅޭއިރު ދައްކާ ކުޅުމާއި އިރާނާއި އޮމާން ފަދަ ޓީމުތަކާ ކުޅޭއިރު ދައްކާ ކުޅުން އަޅާނުކިޔޭނެ. އަހަރެން އެއްބަސްވަން. އަހަރުމެން މިހާރު އާސިއާންގެ މުބާރާތްތަކަށް ފޯކަސް ކުރަންވެއްޖެ. އިންޑިޔާގެ ފުޓްބޯޅަ ކުރިއަށްދާނީ ވަރުގަދަ ޓިމުތަކާ ކުޅެގެން. ސާފްގައި އަހަރުމެން އަބަދުވެސް ޑޮމިނޭޓްމިކުރަނީ،" އަފްގާނިސްތާން ބަލިކޮށް ހަތް ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން އާދީއްތަ ދުވަހު ހޯދި ޓިމުގެ ކޯޗު ބުންޏެވެ.

އިންޑިޔާ ސާފް ޗެމްޕިއަންޝިޕުގައި ވާދަނުކުރާ ވާހަކަ ދައްކާއިރު އެ ގައުމުން ވަނީ 23 އަހަރުން ދަށުގެ ޓީމު ފޮނުވައިގެން ވެސް މި މުބާރާތް 2009 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި އިންޑިޔާ ހަތް ފަހަރު ތަށި ހޯދާފައިވާއިރު ދެން ތަށި ލިބިފައިވަނީ ތިން ގައުމަކަށެވެ. އެއީ އަފްގާނިސްތާނާއި ރާއްޖެ އާއި ބަނގްލަދޭޝް އަށެވެ. މީގެ ތެރެއިން ކޮންމެ ގައުމެއް ވެސް ތަށި ހޯދީ އެއް ފަހަރު އެވެ.