ގޮތަބަޔާ ރާޖަޕްކަސާ

ގޮޓަބަޔަ ފިއްލަވައިފި، ރާއްޖެ ވަޑައިގެންނެވި؟

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށާ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާ ކަމަށް ދުނިޔޭގެ ބައެއް ނިއުސް އެޖެންސީތަކުން ރިޕޯޓް ކޮށްފި އެވެ. އެމަނިކުފާނު ލަންކާ ދޫކުރައްވާ ވަޑައިގެންފައި މިވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމަށް ނިންމަވާފައި ވަނިކޮށެވެ. ރުޅިގަދަވެ މަގުތަކަށް ނިކުމެފައިވާ ލަންކާގެ ރައްޔިތުން ވަނީ މިއަދު މެންދުރު 1:00 ޖެހުމުގެ ކުރީން ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ މަގާމުން އިސްތިއުފާ ދެއްވަން ފަހުގެ މުހުލަތު ދެއްވާފައެވެ.

ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށާ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާ ކަމަށް އޭއެފްޕީ އާއި ބީބީސީ އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޭ މެންދަމުގެ ވަގުތެއްގައި ގޮޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފައި ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. އެމަނިކުފާނަށް އެއާޕޯޓުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވި ކަމުގެ އަޑުތައްވެސް އެބަ އޮތެވެ.

އަދި ގޮޓަބަޔަ ރާއްޖޭގައި ހުންނެވިކަން ސިއްރު ކުރެއްވުމުގެ ގޮތުން ވީއައިއޭ -- ދިވެހީންގެ ބައިނަލްއަގްވާމީ އެއާޕޯޓް -- ގެ މުވައްޒިފުންނަށް ވެސް ތަފާތު މައުލޫމާތުތަކެއް ދީފައިވާ ކަަމަށް އަޑުތައް ފެތުރިފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލަންކާގެ ބައިނަލްއަގްވާމީ އެއާޕޯޓުން ފުރި އެންޓޮނޯވް-32 މަތިންދާބޯޓެއް ގައި ތިބި ހަތަރު ފަސިންޖަރުންގެ ތެރޭގައި އުމުރުން 73 އަހަރުގެ ރައީސް ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބޮޑީގާޑަކު ހިމެނެއެވެ. އެ ބޭފުޅުން ވީއައިއޭގައި ތިއްބެވުމަށް ފަހު މިހާރު ފުރާފައިވާ ކަމަށެވެ. ދެން ވަޑައިގެންނެވީ ކޮން ތާކަށް ކަމެއް ސާފުނުވާ ކަމަށެވެ.

ރޭ ވަރަށް އިރާކޮޅުން ފެށިގެން ލަންކާގެ ރައީސް ގޮޓަބަޔަ ފިއްލެވުމުގެ މަަސައްކަތް ފަށާފައިވާ ކަމުގެ އަޑުތައް ފެތުރެން ފެށިއެވެ. އޭއެފްޕީ އިން ވަނީ އަސްކަރީ މަނަވަރެއްގައި ކަނޑުމަގުން ފިއްލަވަންވެސް ގޮޓަބަޔަ މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ވައިގެ މަގުން، ގައުމުން ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވީ ކަމަށްވެސް ބުނެއެވެ. ގޮޓަބަޔަ ހައްޔަރުކޮށް ލަންކާގެ އާންމުން ގޮވާލަމުން ދިޔަނަމަވެސް އެކަން އެ ގައުމުގެ ގާނޫނު މަނާ ކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމަނިކުފާނު ހުންނެވިހާ ހިނދަކު ހައްޔަރު ކުރުމުގެ އިހުތިޔާރެއް ގާނޫނު ނުދެއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި ގޮޓަބަޔަ އިސްތިއުފާ ދެއްވަން ހަމަޖެހިފައި އޮތަސް މުޒާހަރާގެ ބައިވެރީން ދީފައިވާ ގަޑީގެ ކުރީން އިސްތިއުފާ ދެއްވާނެ ކަމަށް ނުބެލެވެއެވެ.