ހަބަރު

އެކައުންޓިން ދާއިރާއަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަނީ

Jul 13, 2022

އެކައުންޓިން ދާއިރާގެ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ޓެކްނިކަލް ފޯރަމެއް ބޭއްވުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން ނިންމައިފި އެވެ.

އައިއެފްއާރްއެސް އަދި އައިއެސްއޭއެސް ފޯރަމްގެ ނަމުގައި ފޯރަމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިއަށް އޮގަސްޓް މަހުގެ 20 އިން 21 އަށެވެ.

ފޯރަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިވާއިރު މިއަހަރުގެ ފޯރަމު ބޭއްވުމަށް ނިންމާފައިވަނީ ގައުމީ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގަ އެވެ.

ރަޖިސްޓްރޭޝަނަށް ފީއެއް ނެގުމަށް ހަމަޖެހިފައިވާ ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ.

އެކައުންޓިން ސްޓޭންޑަޑްސްގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި އަލަށް ނެރުނު ސްޓޭންޑަޑްތަކުގެ އިތުރުން ސްޓޭންޑަޑްތަކުގެ ޕްރެކްޓިކަލް އެޕްލިކޭޝަނާ ގުޅޭގޮތުން ފޯރަމްގައި މައުލޫމާތު ދޭނީ މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓްސް (މިކްޕާ)ގެ ދެ މެމްބަރުންނާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ތަޖުރިބާކާރުންނެވެ.

ސީއޭ އިން އިންތިޒާމު ކުރާ ފޯރަމުގެ މަގުސަދަކީ ސީއޭ މޯލްޑިވްސްގެ މެމްބަރުންނާއި، ރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން ހަރުދަނާ ކުރުމެވެ.