ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީ ކުރަން އިތުރު 12 މަސް ދީފި އެވެ.
މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރަން އިތުރު މުއްދަތެއް ދީފައި މިވަނީ ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވައިދަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ގެނައި ފުރަތަމަ އިސްލާހުގެ ދަށުންނެވެ.
މިމަހުގެ ހަވަނަ ދުވަހު ގެނައި އިސްލާހުގެ ދަށުން ރަޖިސްޓްރީ ކުރަން އިތުރު މުއްދަތެއް ދީފައިވަނީ މި ގަވައިދަށް އަމަލުކުރުމުގެ ކުރިންވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކަށް އެކަންޏެވެ.
ގަވައިދުގައިވާ އެހެން އިސްލާހުތަކުގެ ތެރޭގައިި ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ކިޔަވާ ދަރިވަރުންގެ ރެކޯޑް ބަލަހައްޓަންޖެހޭ މުއްދަތު ހަ އަހަރަށް ކުޑަކުރުން ވެސް ހިމެނެ އެވެ. މިގަވައިދު މިދިޔަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހު އެންމެ ފުރަތަމަ ގެޒެޓް ކުރިއިރު ދަރިވަރުންގެ ރެކޯޑް 10 އަހަރު ވަންދެން ބެލެހެއްޓުމަށް ލާޒިމުކޮށްފައިވެ އެވެ.
މިމަހުގެ ހަވަނަ ދުވަހު ގަވާއިދަށް ގެނައި އިސްލާހުގައި މިގަވައިދަށް ނުފެތޭ ގޮތަށް އެއްވެސް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ހުރިނަމަ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތައި މިއަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ އާކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެއްވެސް ސަބަބަކާހުރެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ރަޖިސްޓަރީ ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެނަމަ ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް އެކަން ލިޔުމުން އެންގުމަށްވެސް ގަވައިދުގައިވެ އެވެ. އެގޮތަށް އަމަލު ނުކޮށްފިނަމަ އެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް އުވާލައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ރަޖިސްޓަރީކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އެ ތަނެއް އުނިކުރާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ.