އަބްދުﷲ ޝާހިދު

ގުއަޓަމާލާގެ ހާއްސަ އިއްޒަތް ޝާހިދަށް

Jul 16, 2022

ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

ޝާހިދަށް މި އިއްޒަތް އަރުވާފައިވަނީ ގުއަޓަމާލާގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް އަލެހަންދުރޯ ޖިއަމެޓޭ އެވެ.

މި އިއްޒަތް ޝާހިދަށް ލިބިވަޑައިގަތީ އދ.ގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތަކާއި ހާރިޖީ ދާއިރާގައި އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ގުއަޓަމާލޭގައި އުފެދުނު ވަރުގަދަ ޝަހްސިއްޔަތެއް ކަމަށްވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީގެ ހަނދާނުގައި މި އިއްޒަތް އަރުވަން ފެށީ 1973 ވަނަ އަހަރުން ފެށިގެންނެވެ. މި އިއްޒަތް އަރުވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށެވެ.

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް -- ދަ ޑުއާޓޭ، ސަންޗޭޒް، އެންޑް މެލާ އޯޑާ އޮފް މެރިޓް ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ޝާހިދަށް އަރުވާފަ އެވެ.

ދިވެހި ދައުލަތުން ވަނީ މިދިޔަ އޮކްޓޫބަރު މަހު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ.) ލަގަބު ވެސް ޝާހިދަށް އަރުވާފަ އެވެ.

ޝާހިދު ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެއްޓެވީ 1983 ވަނަ އަހަރުގެ ޖުލައިގަ އެވެ. އެ ހިދުމަތް އެމަނިކުފާނު ފެއްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގަ އެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އަބްދުﷲ ޝާހިދު، މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ކަމުގެ މަގާމަށް އައްޔަން ކުރެއްވި އެވެ. މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ފުރަތަމަ އައްޔަން ކުރެއްވީ އޮގަސްޓް 23، 2007 ގައެވެ. އޭގެފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމަށް ޝާހިދު އައްޔަންކުރެއްވީ ނޮވެމްބަރު 17، 2018 ގައެވެ.