ކްރިމިނަލް ކޯޓް

މާފުށި ޖަލަށް ވަންނަން އުޅުނު ހައްމާދު ޖަލަށް، ޖަޒްލާނަށް ޖޫރިމަނާއެއް

Jul 17, 2022

މީގެ ތިން އަހަރު ކުރިން މާފުށި ޖަލަށް ވަންނަ މަސައްކަތް ކުރި ދެ މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ ހަވަނަ ދުވަހު މި ހުކުމް ކޮށްފައިވަނީ ނ. މަނަދޫ، ކެރީބިއަން, އިބްރާހިމް ޖަޒްލާނާއި، ރ. މަޑުއްވަރި ފެހިއަލި, އިސްމާއިލް ހައްމާދުގެ މައްޗަށެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ޖަޒްލާނާއި ހައްމާދު މާފުށި ޖަލަށް ވަންނަން އުޅެނިކޮށް އެ މީހުން ހައްޔަރުކުރީ ސެޕްޓެމްބަރު 22، 2019 ގައެވެ. ޖަލަށް ވަންނަން އުޅުމަށްފަހު ފުލުހުން ފެނުމުން އެ މީހުން ވަނީ
ޖަލަށް ވައްދަން ގެންގުޅުނު ދަބަހާއި އޭގައި އޮތް ފޯނާއި ހެޑްސެޓާއި ޔޫއެސްބީ ކޭބަލްތައް އެތަނަށް އެއްލާލާ ފިލަން މަސައްކަތް ކޮށްފަ އެވެ.

ދައުވާ އަށް ދެ މީހުން އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާގެ މައްޗަށް މައްސަލަ ސާބިތުވުމުން މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ ދެ މީހުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި ތަހުގީގަށް ބަންދުކޮށްފައި ހުރި ދުވަސްތައް ކަނޑާލުމުން ހައްމާދު ޖަލުގައި ހުކުމް ތަންފީޒު ކުރަންޖެހެނީ ހަތަރު މަހާއި 14 ދުވަހު އެވެ.

ޖަޒްލާން ތަންފީޒު ކުރަންޖެހެނީ ހަތަރު މަހާއި ހަ ދުވަހެވެ. މިއީ ޖަޒްލާންގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވުމުން އޭނާގެ ޖަލު އަދަބު ވަނީ ޖޫރިމަނާ އަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން ޖަޒްލާން 53،600 ރުފިޔާ އިން ޖޫރިމަނާކޮށް ހުކުމް ކުުރި ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.