މާލޭ ސިޓީ

ރައްކާތެރި ކަމެއް ނެތި މަސައްކަތް ހިނގާ 10 ތަނެއް ފާހަގަވި: ހައުސިން

މިހާތަނަށް މާލޭގެ 30 ޕަސެންޓް ކޮންސްޓްރަކްޝަން ސައިޓުތަށް ބެލިއިރު 10 ތަނެއްގައި އިމާރާތް ކުރުމުގެ ގަވައިދާ ހިލާފުވެފަ ހުރި ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އިން މީގެ މަހެއްހާ ދުވަސް ކުރިން ވަނީ، މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅުތޯ ބަލަން ސާވޭ އެއް ކުރަން ފަށާފަ އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީ އިން "އަވަސް" އާ ހިއްސާކުރި ހިސާބުތައް ބުނާ ގޮތުން ސާވޭ ހަދަން ގޭގެއަށް ޒިޔާރަތް ކުރަން ފެށިތާ 22 ދުވަހުގެ ތެރޭގައި އާންމުން ދިރިއުޅޭ 2237 ގެ ބަލާފައިވާ ކަމަށާއި އަދި 59 ކޮންސްޓްރަކްޝަން ސައިޓުތަށް ބަލައި ޗެކްކޮށްފައިވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ސައިޓު ތަކުން 10 ތަނެއްގައި މައްސަލަ ހުރި ކަމަށެވެ.

މިނިސްޓްރީ އިން ބުނީ އިމާރާތް ކުރުމުގެ ގަވައިދާ ހިލާފު ވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނީ މާލެ ޕްލޭނިންގެ ގަވައިދާ އެއްގޮތުގެ މަތިން ކަމަށެވެ. އަދި މިހާތަނަށް މުޅި ސާވޭގައި މާލޭގެ 30 ޕަސަންޓު ގެ ކަވަ ކުރެވިފައިވީ ނަމަވެސް އަދި ސާވޭ ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަމަށެވެ.

މި ސާވޭގެ ދަށުން މީހުން ދިރިއުޅޭ ތަންތަން ބެލުމުގައި، ބެލްކަނި، ސިޑި އަދި ޓެރަސް ފަދަ ތަންތާ ރެއިލިން ހަރުކޮށްފައި ހުރިތޯ އާއި، ލިފްޓް ގޮޅިތައް ސަލާމަތީ ގޮތުން ރައްކާތެރިކޮށްފައިވޭތޯ އާއި، ވެންޓިލޭޝަން ގަވާއިދާއި އެއްގޮތަށް ވައިގޮޅުތައް ހަދާފައި ހުރީ ރަނގަޅަށް ތޯ ބަލަ އެވެ. ސާވޭއަށް އެމިނިސްޓްރީގެ ޓީމުތައް ދާނީ، ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.