މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ އެވޯޑަށް 170 އެޕްލިކޭޝަން ހުށަހަޅައިފި

Jul 17, 2022

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން -- ބްރޯޑްކޮމް އިން މުޅިން އަލަށް ދޭން ތައްޔާރުވަމުންދާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022"އަށް 142 އެޕްލިކޭޝަން ހުށަހަޅައިފި އެވެ.

މި އެވޯޑް ދިނުމަށް ނިންމާފައިވަނީ މައިގަނޑު ތިން ކެޓަގަރީއަކުންނެވެ. އެއީ ޖާނަލިޒަމް، އިންޑަސްޓްރީ އަދި ޕްރޮޑަކްޝަންގެ ކެޓަގަރީ އެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ތަފާތު އެވޯޑްތައް ހިމަނާފައިވެ އެވެ.

އެގޮތުން އިންޑަސްޓްރީ ކެޓަގަރީގައި ހިމެނޭ މޯސްޓް އިނޮވޭޓިވް ޗެނަލް އޮފް ދަ އިޔާ އެވޯޑާއި ޗެނަލް އޮފް ދަ އިޔާގެ އެވޯޑަށް އެޕްލިކޭޝަން ހުށަަހަޅާފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނި ނަމަވެސް މި ދެ އެވޯޑަށް އެޕްލިކޭޝަން ލިބުނު އަދަދެއް ހާމައެއް ނުކުރެ އެވެ. ޖާނަލިޒަމް ކެޓަގަރީގައި ހިމެނޭ ފަސް އެވޯޑަށް 20 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ. ޖާނަލިޒަމް ކެޓަގަރީގައި ހިމެނޭ އެވޯޑްތަކަކީ ނިއުސް އެންކާ އޮފް ދަ އިޔާ، އެމާޖިން ޖާނަލިސްޓް، ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރު، ޖާނަލިސްޓް އޮފް ދަ އިޔާ އަދި ބެސްޓް ކެމެރާ ޕާސަން އެވެ.

ޕްރޮޑަކްޝަން ކެޓަގަރީގައި 11 އެވޯޑް ހިމެނޭއިރު އެ ހުރިހާ އެވޯޑްތަކަށް ޖުމްލަ 142 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ. ޕްރޮޑަކްޝަން ކެޓަގަރީގައި ހިމެނޭ އެވޯޑްތަކަކީ:

  • ބެސްޓް ޑޮކިއުމެންޓްރީ ޕްރޮގްރާމް
  • ބެސްޓް ސްޕޯޓްސް ޕްރޮގްރާމް
  • ބެސްޓް ކަރަންޓް އެފެއާޒް ޕްރޮގްރާމް
  • ބެސްޓް އެންވަޔަރަންމެންޓް ޕްރޮގްރާމް
  • ބެސްޓް އެންޓަޓެއިންމަންޓް ޕްރޮގްރާމް
  • ބެސްޓް ޗިލްރެންސް ޕްރޮގްރާމް
  • ބެސްޓް ރިލިޖަސް އެވެއާނަސް ޕްރޮގްރާމް
  • ބެސްޓް ޑޭ ޓައިމް ޕްރޮގްރާމް
  • މޯސްޓް ކްރިއޭޓިވް ޕްރޮގްރާމް
  • ޕްރޮގްރާމް އޮފް ދަ އިޔާ އޮން ސޯޝަލް އިޝޫޒް
  • ކެމްޕެއިން އޮފް ދަ އިޔާ

ޕްރޮޑަކްޝަން ކެޓަގަރީގައި ހިމެނޭ އެވޯޑްތަކަށް ކުރިމަތިލުމަށް ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ފުރުސަތު ދީފައިވެ އެވެ. އެކަމަކު އަމިއްލަ ފަރާތްތަކުން އެވޯޑަށް ހުށަހަޅާ ހުށަހެޅުންތަކަކީ ލައިސަންސް ލިބިގެން ބްރޯޑްކާސްޓް ކުރާ ފަރާތަކުން ދުރަށް ފޮނުވާފައިވާ އުފެއްދުމަކަށް ވާންޖެހެ އެވެ.

މިދިޔަ މެއި މަހު ބްރޯޑްކޮމް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ މަހުގެ ދެވަނަ ދުވަހަށް ހަމަވިއިރު ނުވަ ޓީވީ ޗެނަލަކާއި ތިން ރޭޑިއޯ ޗެނަލަކުން އެވޯޑަށް ކުރިމަތިލާފައިވެ އެވެ.

އެވޯޑަށް ހުށަހެޅުމަށް ފުރުސަތު ދިނީ 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ އޮތް ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ބްރޯޑްކާސްޓްކޮށްފައިވާ އުފެއްދުންތަކަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ހާއްސަ އެވޯޑެއް ދޭން ނިންމީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީ އާލާކޮށް ދެމެހެއްޓުމާއި، ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ ދައުރު އަގުވަޒަން ކުރުމަށެވެ. މީގެއިތުރުން ބްރޯޑްކާސްޓިންގެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރު ދިނުމަކީވެސް މިފަދަ އެވޯޑެއް ތައާރަފްކުރި ބޭނުމެއް ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.