ހަބަރު

ހިންމަފުށީގައި އިސްލާހިއްޔާ އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ކ. ހިންމަފުށީގައި ކުޑަކުދިންގެ ހާއްސަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއް ނުވަތަ އިސްލާހިއްޔާ އެއް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ފާސްކޮށްފައިވާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން އެގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސްދުވަހުގެ ތެރޭގައި އެފަދަ ސެންޓަރެއް ގާއިމްކުރަން ޖެހޭނެ އެވެ. މި އިއުލާން ކުރި އިރު އެ މުއްދަތު ވަނީ ގޮސްފަ އެވެ.

ގާނޫނަށް އަމަލުކުރަން ފެށިތާ ހަތަރު އަހަރު ފަހުން އެފަދަ ސެންޓަރެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން މިމަހުގެ ތިން ވަނަ ދުވަހު އިއުލާނު ކުރު އިރު ކުޑަކުދިންގެ އިސްލާހީ މަރުކަޒުގައި ހުކުމް ތަންފީޒު ކުރަން 18 އަހަރުން ދަށުގެ ދެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުންވަނީ ހުކުމް ކޮށްފަ އެވެ.

ނެޝަނަލް ޑްރަގް އެޖެންސީން ކޮށްފައިވާ އިއުލާނުގައި އެ ސެންޓަރު ގާއިމްކުރަން ޝައުގުވެރިވާ ފަރާތްތަކުން އެ އެޖެންސީއަށް ގޮސް މިމަހުގެ 14 އަދި 24 ވަނަ ދުވަހުގެ މެންދުރު ކުރިން މައުލޫމާތު ސާފު ކުރުމަށް ބުނެފައިވެ އެވެ.

ކުޑަކުދިންގެ ހާއްސަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމުގެ ބޭނުމަކީ ކުޑަކުދީން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފުން އަދަބު ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ހުކުމް ކުރެވޭ ކުދީން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ހާއްސަ ފަރުވާ ދިނުމެވެ.

މި ސެންޓަރު ގާއިމްކުރަން ކަމާބެހޭ މުއައްސަސާ ތަކުންވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހާއްސަ މަޝްވަރާތަކެއްކޮށް 2014 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން އެފަދަ ސެންޓަރެއް ގާއިމްކުރަން ނިންމާފަ އެވެ.