ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިލޭ ޑިގްރީގައި 14،711 ދަރިވަރުން ބައިވެރިވެއްޖެ

Jul 19, 2022

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް ތައާރަފް ކުރި ފަހުން މިއަދާ ހަމައަށް 14،711 ދަރިވަރުން އެ ސްކީމުގެ ބޭނުން ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް ފަހިކޮށްދެމުންދާ ތައުލީމުގެ ފުރުސަތުތަކުގެ ތެރެއިން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ސްކީމު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ހުޅުވާލީ ވީހާވެސް ގިނަ ބަޔަކަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހިފާ މިއަދާ ހަމައަށް އެ ސްކީމުގައި 14،711 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. މީގެތެރެއިން 4،696 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ހަ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕްގެ ލިޔުން މިޖަލްސާގައި އެދަރިވަރުންނާއި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީއެޗްއެސްއީގެ ފަސް އަންހެން ދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ދަރިވަރެކެވެ.

މިޖަލްސާގައި ރައީސް ސޯލިހް ވަނީ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނާއި، ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް ހިތްވަރު ދެއްވާފަ އެވެ.

ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންނާއި މުހާތަބުކުރައްވާ ރައީސް ވިދާޅުވީ އެ ކުދިން މި ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަމަށާއި، ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކުގެ މަސްހުނި ވެއްޓެއްގެ ތެރެއަށް ކަމަށެވެ. އަދި އެވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ކުދިން ވަށައިލާނެ ކަމަށާއި ހިތް އެދޭ އެތައް ކަމެއް ކުދިންގެ ވިސްނުމާ ކުޅެމުން ދާނެ ކަމަށެވެ. އަދި ހޮޅިލައި ނަގާ ކިތަންމެ ރާޅެއް އެކުދިންގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ދަރިވަރަކީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމް ދީނުގެ ސައްހަ އަގީދާއަށް ވުރެ ބޮޑަށް، ހިތު މިސްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ހާސިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުން ކަން ތާއަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ވިދާޅުވި އެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ހާސިލްކުރި ހަ ދަރިވަރުންގެ އިތުރުން، ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި 79 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.