މީރާ

ޓެކްސްގެ ސުންގަޑިތަކަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

Jul 20, 2022

މިމަހުގެ ފަހު ދުވަހު ޓެކްސްގެ މުހިއްމު ސުންގަޑިތަކެއް ހަމަވާތީ އެކަމަށް ސަމާލުވުމަށް މީރާ އިން އިލްތިމާސްކޮށްފި އެވެ.

މީރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ ފަހު ހަފްތާގައި ސަރުކާރު އަދި ބޭންކްތައް ބަންދު ގިނަ ދުވަސްތަކަކަށްފަހު ހުޅުވޭ ދުވަހަކީ މިމަހުގެ 31 ޖުލައި ކަމަށްވެފައި އެ ދުވަހަކީ ޓެކްސްގެ މުހިންމު ސުންގަޑިތަކެއް ހަމަވާ ދުވަސްތަކަކަށްވާތީ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންތައް ދުރާލައި އިންތިޒާމުކޮށް، ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ޖުލައި 31 އަށް ދައްކަންޖެހޭ ޓެކްސްތައް

  • އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
  • ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
  • ޖޫން 2022ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
  • ޖޫން 2022ގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން

އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު 20،000 ރުފިޔާއަށް ވުރެ އިތުރުވާ ފަރާތްތަކުންނެވެ. އަދި 2022 ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރު ކަމުގައިވާނަމަ އަންދާޒާކުރާ ޓެކުހުގެ އަދަދު 20،000 ރުފިޔާއަށް ވުރެ އިތުރުވާނަމަ ސުންގަޑިއަށް ޓެކްސް ދައްކަންޖެހެ އެވެ.

މީރާ އިން ބުނީ ޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމު މިހާރުވެސް ހަމަޖެހިފައިވާ ކަމަށެވެ. ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަކީވެސް މީރާކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކެއްކަމުގައި ވާތީ ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކަކުންވެސް މީރާކަނެކްޓް ބޭނުންކުރުމަށް އިސްކަންދިނުމަށް ވެސް މީރާ އިން އެދިފައިވެ އެވެ.

"ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ރަސްމީ ގަޑީގައި މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ ވައިބާ ނަންބަރު 9821415 އަށް މެސެޖްކުރުމަށް މީރާއިން އެދެއެވެ." މީރާގެ ބަޔާނުގައިވެ އެވެ.