ހަބަރު

ސަބާ މޯލްޑިވްސްގެ މަސައްކަތްތައް ކާމިޔާބު: އަބްދުﷲ

ދެހާސް ތޭރަ ވަނަ އަހަރު ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ދަށުން އުފެދުނު ސަބާ މޯލްޑިވްސްގެ މަސައްކަތްތައް ކާމިޔާބު ކަމަށް އިކޮނިމިކް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އަބުދުﷲ ވިދާޅުވީ ކޯޕަރޭޓިވް ސޮސައިޓީތަކުގެ ގޮތުގައި ސަބާ މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތައް ކަމިޔާބު ވަމުން އަންނަ ކަމަށާއި މިއީ އަމިއްލަ ޖީބުން އެއްވެސް ފައިސާ އެއް ހަރަދުނުކޮށް އަންހެނުންނަށް އާމްދަނީ ހޯދޭ މަގެއް ކަމަށެވެ.

"އާމްދަނީ ހޯދަން އަމިއްލަ ޖީބުން އެންމެ ފައިސާ ފޮއްޗެއް ހަރަދުކުރަން ނުޖެހުނު ނަމަވެސް މި ޖަމިއްޔާގެ މެމްބަރަކަށް ވާން ޖެހޭނެ. ކޮންމެ ބޭފުޅަކަށްވެސް ވެވިދާނެ. މި ޖަމިއްޔާގެ މެމްބަރަކަށް ވާން ހަދަން ޖެހޭނީ 10 ރުފިޔާއަށް މި ޖަމިއްޔާގެ ހިއްސާއެއް ގަތުން. އޭރަށް މެމްބަރަކަށް ވެވޭނެ"

ސާކުގެ 8 ގައުމުގައި ސާކް ޑިވެލޮޕްމެންޓް ފަންޑުން ހިންގާ މި ޕްރޮޖެކްޓްތައް ހިންގަނީ އެފަންޑުން ހަރަދު ކޮށްގެންނެވެ.

ރާއްޖޭގައި ހިންގާ ކޯޕަރޭޓިވް ސޮސައިޓީތައް

ސަބާއިން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޯޕަރޭޓިވް ސޮސައިޓީތައް ހަދައި އަންހެނުންނަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދެމުންނެވެ. އެގޮތުން އައްޑު އަތޮޅު ހިތަދޫގައި ސީއެފްސީއެއް ހަދާ ނިންމާލާފައިވާއިރު މިހާރު އޭގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އަބުދުﷲ ވިދާޅުވި އެވެ. ލ. ގަމުގައި ސީއެފްސީއެއް އޮޕަރޭޝަނަށް ގެންދެވިފައިވާއިރު ގދ. ގައްދޫގައި ތުނޑުކުނާ ވިޔުމާއި ފޭލި ވިޔުމުގެ މަސައްކަތަށް ޓަކައި އިމާރާތެއް ހާއްސަކޮށް މެޝިނަރީސް ވަނީ ގެނެސްފަ އެވެ.

މަސައްކަތަށް ބޭނުންވާ މެޝިނަރީސް ގެނައުމުގެ އިތުރުން ސީއެފްސީގެ މެމްބަރުންނަށް ބޭނުންވާ ތަމްރީނުތައްވެސް ދީނިމިފައިވާކަން އަބުދުﷲ ފާހަގަ ކުރެއްވި އެވެ. އަދި އައްޑޫ ސީއެފްސީން އުފައްދާ ބާވަތްތައް ކުރިއަށް މިއޮތް އެއްމަސް ދުވަސް ނުވަތަ ދޮޅު މަސްދުވަހުގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަން އަބުދުﷲ ފާހަގަ ކުރި އެވެ.

އަބުދުﷲ ވިދާޅުވީ ސަބާ އިން ހިންގާ ޕްރޮޖެކްޓްތަކުގެ ފޭސް 1 ގެ މަސައްކަތް ނިމާލުމަށްފަހު މިހާރު އަމާޒު ހިފާފައިވަނީ ފޭސް 2 އަށް ކަމަށެެވެ.

ސީއެފްސީގެ 75 އިންސައްތަ ނިމިފައިވާއިރު 20 ބާވަތުގެ ކާބޯތަކެތޮ ބަޒާރަށް ނެރުމަކީ ސަބާގެ އަމާޒެކެވެ.

މާލޭގައި ހުންނަ ފަރާތްތަކުން އެޖަމިއްޔާގެ މެމްބަރަކަށްވުމަށް ފަހު އެފަރާތަކަށް ފަސޭހަ ވަގުތެއްގައި މަސައްކަތް ކުރެވޭނެ ކަމަށް އަބުދުﷲ ވިދާޅުވި އެވެ. އަދި މަސައްކަތްތަކަށް ކަނޑައެޅިފައިވާ އުޖޫރައެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބާގެ ދަށުން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކުން މަސައްކަތް ކުރަނީ ރޯ މެޓީރިއަލް ބޭނުންކޮށްގެން ތަކެތި އުފެއްދުމަށެވެ.

ހިންގުނު ޕްރޮގްރާމްތައް

ސަބާ މޯލްޑިވްސް އިން މިދިޔަ އަހަރު ހިންގިޮ ޕްރޮގްރާމްތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މެމްބަރުން ތަމްރީނު ކުރުމަށެވެ. އެގޮތުން މިދިޔަ އަހަރު ތަފާތު ދާއިރާތަކުން 65 މެމްބަރުންނަށްވަނީ ޓްރެއިނިންތައް ދީފަ އެވެ. އަދި އޭގެ ތެރެއިން 16 މެމްބަރުންނަށްވަނީ ރާއްޖެއިން ބޭރުން ޕްރޮޑަކްޝަން ޝިފްޓް މެނޭޖެމެންޓް ދާއިރާއިން ތަމްރީން ދީފަ އެވެ.

ސަބާގެ ފަރާތުން ބުނީ މިއަހަރުވެސް އެޖަމިއްޔާގެ މެމްބަރުންނަށް ތަފާތު ތަމްރީނު ޕްރޮޮގްރާމްތަކެއް ރާވާފައި އެބަހުރި ކަމަށާއި އޭގެ ތެރޭގައި ރާއްޖެއިން ބޭރުން، ކާއެއްޗެހި ބަންދުކޮށް ކޮލިޓީ ހިފޭއްޓުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް އެބަހުރި ކަމަށެވެ.

އަދި ގައްދޫގައި ކުނަލާއި ފޭލި ވިޔުމުގެ ޕްރޮގްރާމްތައް ހިންގާން އެޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރެފައި

މިހާތަނަށް ސަބާއި ންވަނީ އެތައް އުފެއްދުމެއް ބާޒާރަށް ނެރެފަ އެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ސަބާގެ ކޮންޑޫލާއެއް ބަހައްޓައި، މެގަ މޯލްޑިވްސް އިން ފްލައިޓް މެގަޒިންގައި ސަބާ މޯލްޑިވްސްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް އަބުދުﷲ ވިދާޅުވި އެވެ. އަދި ރިސޯޓު މާކެޓަށްވެސް މިޔަފާރި ފުޅާކޮށް ސަބާގެ މޯލްޑިވްސް ވިއްކުމަށް އެއް ރިސޯޓް ކޮންފާމް ކޮށްފައިވާކަމަށް އަބުދުﷲ ވިދާޅުވި އެވެ.

ސަބާގެ އުފެއްދުންތަކުގެ މާކެޓިންގ އާއި ބެހޭގޮތުން ވިދާޅުވީ ފުރަތަމަ ސީއެފްސީ އޮޕަރޭޓް ކުރަން ފެށުނީމަ މެމްބަރުންނަށް ހޯދައިދޭންޖެހޭ މާކެޓު ހޯދައިދޭނެ ކަމަށާއި ކޮންމެ ސީއެފްސީއަކަށް އަމާޒުކޮށްގެން ވަކީ އުފެއްދުންތަކެއް ނެރެވުނީމަ މާކެޓް ތަކެއް ހޯދައިދޭނެ ކަމަށެވެ.

އަދި އަތްތެރި މަސައްކަތްތައް ވިއްކުމަށް ރިސޯޓް މާކެޓަށް ނެރެން އެޖަމިއްޔާއިން ވަނީ ރާވާފަ އެވެ.

"އަޅުގަނޑުމެން އުފެއްދުންތައް ގަނެފައި އެތަކެތި މެމްބަރުންގެ ނަމުގައި ސަބާގެ އުފެއްދުންތަކެއްގެ ގޮތުގައި ވިއްކަނީ. މިދިޔަ އަހަރު ސަބާގެ ގައުމުތަކުން ބޫޓާންގައި ބޭއްވި ބައްލުވުމެއްގައި މަޝްވަރާކޮށްފައިވާނީ ސަބާއަށް ގަންނަ ތަކެތި ސަބާގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް މާކެޓް ކުރަން."

މިބައްދަލުވުމުގައިސަބާގެ 8 ގަައުމު ހިއްސާވާ ޖަމިއްޔާއެއް އުފައްދަން ނިންމާފައިވާ ކަމަށާއި އަދި އެޖަމިއްޔާގެ ހެޑްއޮފީސް ގާއިމްކުރާނެ ގައުމެއް އަދި ކަނޑަނޭޅޭ ކަމަށް އަބުދުﷲ ވިދާޅުވި އެވެ. އަދި އަބުދުﷲ ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގައި އެޖަމިއްޔާ އުފެދިގެންދާނެ ކަމަށެވެ.

ސަރުކާރުން އެހީތެރިވާ ޖަމިއްޔާއެއް

ސަބާ މޯލްޑިވްސް އިން އަންހެނުން ބާރުވެރި ކުރުވަން ކުރަމުން އަންނަ މަސައްކަތްތަކަށް ރައީސް ވަނީ މާލެއިން 2،000 އަކަފޫޓުގެ ބިމެއް ދީފައި ކަމަށް އަބުދުﷲ ވިދާޅުވި އެވެ. އިސްލާމިކް ބޭންކުން ލޯނެއް ނަގައިގެން އެބިމުގައި 10 ބުރީގެ އިމާރާތެއް ކުރަން ވަނީ ނިންމާފައެވެ. އެގޮތުން އެއިމާރާތުގެ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ މަހުގެ ކުރީކޮޅު އެމަސައްކަތް ނިންމާ މާޗްމަހު އިމާރާތުގެ ބިންގާ އަޅާނެ ކަމަށް އަބުދުﷲ ވިދާޅުވި އެވެ.
އަބުދުﷲ ވިދާޅުވީ ކުރިން ފީރޯޒް ލޮޖް ހުރި މި ބިމުގައި އަޅާ މި އިމާރާތް މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިއިމާރާތުގެ ހަތަރު ބުރި ޖެންޑަރ އަށް ދޭން ނިންމާފައިވާއިރު ސަބާއަށް ބޭނުންކުރާނީ އަނެއް ހަބުރި އެވެ.