ލައިފްސްޓައިލް

އެކްސިޑެންޓެއްގައި މާބަނޑު މީހަކު ޗިސްވިއިރު ދަރިފުޅު ސަލާމަތްވެއްޖެ

އިންޑީއާގެ އުއްތަރު ޕްރަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ބަނޑަށް އަށް މަހުގެ މާބަނޑު އަންހެނެއް ޓްރަކެއް ދަށުގެ ޗިސްޗިސްވެ މަރަށް ތެޅެމުން ދިޔަ ވަގުތު ބަނޑުގައި އޮތް ކުއްޖާ ވިހައިފި އެވެ. މި އަންހެންމީހާ އަށް ކުއްޖާ ވިހުނީ ރަހިމު ފަޅައިގެން ގޮސް ކުއްޖާ ބަނޑުން ނުކުމެގެންނެވެ. މި އެކްސިޑެންޓްގައި މަންމަ މަރުވި ނަމަވެސް ކުއްޖާ ޗިސް ނުވެ ސަލާމަތް ވެފައިވަނީ އަޖައިބެއް ފަދަ ގޮތަކަށް ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ޔޫޕީގެ ފީރޯޒްއާބާދު ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގައި މިހާރު މި ކުއްޖާ އަށް ފަރުވާ ދެމުންދާއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް އެ ކުއްޖާ އަށް ފަރުވާދޭ ޑޮކްޓަރުން ބުނެފައި ވެއެވެ.

އެކްސިޑެންޓްގައި މަރުވީ އާގަރާގައި ދިރިއުޅޭ 26 އަހަރުގެ ކާމިނީ ނަމަކަށް ކިޔާ އަންހެނެކެވެ. އެކްސިޑެންޓް ވީ ކާމިނީ އޭނާގެ މަންމަގެ ގެޔަށް ފިރިމީހާ އާއެކު ސައިކަލުގައި ދަނިކޮށެވެ.

މަންޒަރު ލޮލުން ދުށް ބައެއް މީޙުން ބުނި ގޮތުގައި ކާމިނީގެ ފިރިމީހާއަށް ސައިކަލުގެ ކޮންޓްރޯލް ގެއްލުނީ ކުރިމަތިން ދުއްވާފައި އައި ކާރެއްގައި ޖެހެން އުޅެނިކޮށް އެ ކާރުން ނެއްޓެން މަސައްކަތް ކުރަނިކޮށެވެ.

އެކްސިޑެންޓް ވުމާއެކު ސައިކަލުގެ ފަހަތުގައި އިން ކާމިނީ މަގުމައްޗަށް ވެއްޓުނީ އެވެ. އަދި އެ ވަގުތު ބާރު ސްޕީޑުގައި އައި ޓްރަކެއް އޭނާގެ ގައިމަތިން ވަނީ ގޮއްސަ އެވެ. ޓްރަކް އެރުމުގެ ސަބަބުން ކާމިނީގެ ހަށިގަނޑުގެ ބޮޑު ބައެއް ޗިސްޗިސްވެގެން ދިޔައިރު ރަހިމު ފަޅައިގެން ގޮސް ކުއްޖާ ބޭރަށް ނުކުތީ އެވެ.

މި އެކްސިޑެންޓުގައި ކާމިނީގެ ފިރިމީހާ އަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.