މީރާ

މާލީ ހިސާބުތައް ތައްޔާރުކުރަން އެހީތެރިވާން މީރާގެ ޓީމްތައް އަތޮޅަކަށް ދަނީ

ކުދި ވިޔަފާރިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މީރާގެ ޓީމްތައް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާގެ (IUL)220-CSS/1/2016/1 ނަންބަރު އިއުލާނުގައިވާގޮތުން މި ދަތުރުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށެވެ. މި ދަތުރުތަކުގައި މީރާގެ ޓީމްތައް ހަރަކާތްތެރިވާނީ އައްޑޫ ސިޓީގެ އިތުރުން ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގައެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް މީރާއިން ވަނީ އެދިފައެވެ.

ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުގެ ހިސާބުކުރާ މުއްދަތު 31 ޑިސެންބަރު 2015 އަށް ނިމޭ ފަރާތްތަކުގެ 2015 ވަނަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2016 ގައެވެ.