ދިވެހި މީޑިއާ

ނޫސްވެރިންނާއި މީޑިއާ ކުރިއަރުވަން ފައުންޑޭޝަނެއް އުފައްދައިފި

ރާއްޖޭގެ މީޑިއާ ތަރައްގީކޮށް ނޫސްވެރިން ކުރިއަރުވައި ދިނުނަށް މީޑިއާ ޑިވެލޮޕްމަންޓް ފައުންޑޭޝަން މޯލްޑިވްސް (އެމްޑީއެފްއެމް) ނަމުގައި ފައުންޑޭޝަނެއް އުފައްދައިފި އެވެ.

މީޑިއާގެ ހައްގު ތަކަށް މަސައްކަތް ކުރުމަށާއި އެ ދާއިރާއިން ނޫސްވެރިން ތަމްރީން ކުރުމަށް އުފެއްދި މި ފައުންޑޭޝަންގެ ޗެއާމަން އަކީ ސަން އޮންލައިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު އެވެ. އަދި ކޯޗެއާއަކަށް އިންތިހާބުކޮށްފައި ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް އަލީ ޝައްމާނެވެ. ހަޒާންދާރަކީ ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމް އެވެ. އަދި އެ ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނަރަލް އަކަށް ހޮވާފައި ވަނީ ކުރިން މިނިވަން ނޫހާއި ހަވީރުގައި ވެސް މަސައްކަތްކޮށްފައިވާ އިބްރާހިމް މުހައްމަދު އެވެ. އޭނާ އަކީ އެމްވީޓީވީގެ ޑިރެކްޓަޖެނެރަލެވެ. މީގެ އިތުރުން ދިޓީވީގެ ނޫސްވެިޔާ މަރިޔަމް ޝައުޝަތު ވަނީ ސެކްރެޓަރީއަކަށް އިންތިހާބުކޮށްފަ އެވެ.

އިސް މަގާމުތަކަށް ހިރިގާ އާއި މިދުހަތާއި ޝަމްއާން އިންތިހާބުކޮށްގެން މި ފައުންޑޭޝަން ހެދި އިރު އެ ތިން ބޭފުޅުން މަސްއޫލުވެރިކަމުގަ އާއި މަގާމުތަކުގައި ތިއްބައިވައިގެން ހަދާފައިވާ ޖާނަލިސްޓް އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި ޑެޑްލޮކަކަށް ގޮސް ހުއްޓިފައި އޮންނާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެމްޑީއެފްއެމް އިފްތިތާހު ކުރުމަށްފަހު އެ ފައުންޑޭޝަންގެ ޗެއާމަން ހިރިގާ މަސައްކަތް ކުރައްވާ ސަން އޮންލައިންގެ އިދާރާގައި މިއަދު ބޭއްވި ޕްރެސްއެއްގައި ހިރިގާ ވިދާޅުވީ މި ފައުންޑޭޝަން މަސައްކަތް ކުރާނީ ރާއްޖޭގެ މީޑިއާ ތަރައްގީ ކުރުމާއި ނޫސްވެރިން ތަމްރީން ކުރަން ކަމަށެވެ. މީގެ އިތުރުން ނޫސްވެރިން ކުރި އެރުމަށް ހުރި ހުރަސްތައް ނައްތާލައި ރާއްޖޭގެ މީޑިއާ ތަރައްގީ ކުރަން އެހީވެދޭނެ ކަމަށެވެ.

މީގެ އިތުރުން ފައުންޑޭޝަން ތެރޭގައި ނޫސްވެރިން ތަމްރީނު ކުރުމަށް ފުރުސަތު ހޯދައިދީ، މާލީ ގޮތުން އޮތް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ރާއްޖޭން ބޭރުގައި ނޫސްވެރިން ތަމްރީނު ކުރަން ސްކޮލަޝިޕްތަކުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މީޑީއާ ކުރި އެރުވުމަށް ޕްލެޓްފޯމެއް ނެތުމުގެ ސަބަބުން ބޭރު ގައުމުތަކާއި މުއާމަލާތް ކުރެވޭނެ އެއްވެސް ގޮތެއް ނެތިފަ އަޅުގަނޑުމެން ތިބީ. ނަމަވެސް މިއަދު އުފެއްދި ފައުންޑޭޝަން އާއެކު ބޭރު ގައުމުތަކާއި އެތެރޭގައި ހުރި ލިންކު ތަކާއި ގުޅިގެން ރަނގަޅު ޕްލެޓްފޯމެއް ގާއިމް ކުރެވޭނެ ކަމަށް،" ހިރިގާ ވިދާޅުވި އެވެ. ހިރިގާ އެހެން ވިދާޅުވި އިރު އިންތިހާބު ނުބޭއްވި ހުއްޓުމަކަށް ގޮސްފައިވާ އެމްޖޭއަކީ އައިއެފްޖޭގެ މެންބަރެކެވެ. އެ ޖަމިއްޔާއިން އެހީތައް ދިނެވެ.