މޯލްޑިވްސް ޕޮލިސް ސާވިސް

ޝެއިހް ފަޒްލޫން މިރޭވެސް ފުލުހަށް ގެންދަނީ

Jul 24, 2022
2

ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު މިރޭވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ. މަސްދުވަހު ފުލުހުންގެ ބަންދުގައި ހުންނެވުމަށް ފަހު ކޯޓުން މިނިވަންކޮށް ދޫކޮށްލި ފަހުން ފަޒްލޫން އިއްޔެ ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ޝެއިހް ފަޒްލޫން އިއްޔެ ފުލުހަށް ހާޒިރު ކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށެވެ. އަދި މިރޭވެސް ހާޒިރު ކުރަނީ ތަހުގީގުގައި އިތުރަށް ކުރަން ޖެހޭ ސުވާލުތައް ކުރުމަށާއި ތަހުގީގު ބަޔާނުގައި ސޮއި ކުރުމަށް ކަމަށް ވަނީ އަަންގާފައެވެ. އެކަން ޝެއިހް ފަޒްލޫން ވަނީ ޔަގީން ކޮށް ދެއްވާފައެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހެއްހާ ދުވަހު ފަޒްލޫން ހުންނެވީ ފުލުހުންގެ ބަންދުގައި ޖަލުގައެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި މި މުއްދަތުގައި ފަޒްލޫނާ ސުވާލު ކޮށް ތަހުގީގު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ފަޒްލޫން ދޫކޮށްލީ ތަހުގީގުވެސް ނުނިމޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަޒްލޫން ބަންދުކޮށްދޭން ފުލުހުން އެދިފައި ވަނިކޮށެވެ. ފަޒްލޫން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތު ކޮށްފައިވެއެވެ. އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.

ޝެއިހް އާދަމް ނިޝާން އާއި ޝެއިހް ފަޒްލޫން ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވީ މި ދެ ބޭފުޅުންނެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ހަމަނުޖެހުން ހުއްޓުވަން ދެ ބޭފުޅުން މަސައްކަތް ކުރަައްވާ މަންޒަރު ފެނެއެވެ.

ޝެެއިހް ފަޒްލޫން ދޫކޮށްލި ނަމަވެސް ޝެެއިހް ނިޝާންގެ ބަންދަށް ވަނީ އިތުރު 16 ދުވަސް ވަނީ ޖަހާފައެވެ. ފުލުހުންގެ ތުހުމަތު އެންމެ ބޮޑަށް އޮތީ ޝެއިހް ނިޝާނަށެވެ. ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ހައްޔަރު ކުރިއެވެ. މިހާތަނަށް ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.