ޗައިނާ

ރާއްޖެއާ އިތުރަށް ގުޅުން ވަރުގަދަ ކުރާނަން: ޗައިނާ ސަފީރު

Jul 26, 2022

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވެންގް ލިޒިން ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ތަހުނިޔާގެ ވީޑިއޯ މެސެޖެއްގަ އެވެ.

ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާ އަކީ ޒަމާންވީ ދެ ރަހްމަތްތެރިން ކަމަށާއި ދެ ގައުމުން ވެސް ގެންގުޅެނީ އަނެއް ގައުމާ ދޭތެރޭ ފައިދާ ހުރި ގުޅުމެއް ކަމަށެވެ.

ރާއްޖެއާ އެކީ އޮތް ގުޅުން އިތުރަށް ބަދަހިކުރަން ޗައިނާ އިން އެދޭ ކަމަށާއި އެކަމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ސަފީރު ވަނީ ދެއްވާފަ އެވެ.

ސަފީރު ވަނީ ޗައިނާގެ ރައީސް އާއި އެގައުމުގެ ރައްޔިތުންގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވެސް ފޮނުއްވާފަ އެވެ.

"ޗައިނާގެ ރައްޔިތުންގެ ނަމުގައި ދިވެހި ރައްޔިތުންނަށް އުފާވެރިކަމަށް އެދެން،" ސަފީރުގެ މެސެޖުގައިވެ އެވެ.

ޗައިނާ އަކީ ރާއްޖެއަށް އެކި ދާއިރާތަކުން އަބަދުވެސް ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ. ޗައިނާ ސަރުކާރުގެ އެހީގައި މިދިޔަ ސަރުކާރުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާއިރު މިހާރުވެސް ޗައިނާގެ އެހީގައި ރާއްޖޭގައި ބައެއް މަޝްރޫއުތައް ކުރިއަށް އެބަދެ އެވެ.

ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ އޮކްޓޫބަރު 14، 1972 ގައެވެ. މިއަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ. މި މުނާސަބާގެ ހަރަކާތްތައް ފެށުމަށް މިދިޔަ ޖެނުއަރީ ހަތްވަނަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައިވެ އެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގެ އެމްބަސީއެއް ޗައިނާގައި ހުޅުވީ 2007 ވަނަ އަހަރު އެވެ. އަދި ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވީ ނޮވެމްބަރު 8، 2011 ގައެވެ.