ބޭރު ކުޅިވަރު

ފީފާގެ ރައީސް ކަމަށް ވާދައެއްނުކުރާނަން: ޕްލެޓިނީ

އަންނަ މަހު ބާއްވާ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އިންތިހާބުގައި ރައީސް ކަމަށް ވާދަނުކުރައްވާނެ ކަމަށް ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ފީފާގެ ނާއިބް ރައީސެއްގެ ގޮތުގައި ވެސް ހުންނެވި ޕްލެޓިނީ ވާދަނުކުރަން ނިންމީ އޭނާ އަށް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށް، ޝަރުތުހަމަނުވާ ކަމަށް ފީފާގެ އެތިކްސް ކޮމިޓީން ނިންމުމުންނެވެ. ނަމަވެސް މިނިންމުމަކީ ޕްލެޓިނީ ގަބޫލުކުރައްވާ ނިންމުމެއްނޫނެވެ.

ފީފާގެ ރައީސް ސެޕް ބްލެޓާއާއެކު ޕްލެޓިނީ ސަސްޕެންޑްކުރީ ބްލެޓާ ސޮއިކޮށް ޕްލެޓިނީ އަށް ދީފައިވާ 1.5 މިލިއަން ޕައުންޑްގެ މައްސަލާގަ އެވެ. ފީފާއިން އިން ބުނަނީ މިއީ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ.

"ފީފާގެ ރައީސް ކަމުގެ ރޭހުން އަހަރެން ވަކިވެއްޖައިން. މިވަގުތަކީ އަހަންނަށް ރަނގަޅު ވަގުތެއްނޫން. އެހެން ކެނޑިޑޭޓުންނާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު އަހަންނަށް ވަނީ ބަންދުވެފައި. މި މެޗުގައި ކުޅުމުގެ ފުރުސަތު އަހަންނަށް ވަނީ ނުދީފައި. ފީފާގެ އިންތިހާބަށް އަލްވަދާއު، އަދި ފީފާ އަށް ވެސް އަލްވަދާއު،" ދުނިޔޭގެ ކުރީގެ މޮޅު ކުޅުންތެރިޔާ ވިދާޅުވި އެވެ.

ބޭއިންސާފުގެ ބަދަލު ލިބޭނެ:

އުމުރުފުޅުން މިހާރު 60 އަހަރުގެ ޕްލެޓިނީ ބުނީ އޭނާއާ މެދު ކަންތައްތައްވީ ބޭއިންސާފުކޮށް ކަމަށާއި މީގެ ބަދަލު ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމަށެވެ. އަދި އޭނާއަކީ ކުށެއް ނުކުރާ މީހެއް ކަމަށާއި ފީފާގެ އެތިކްސް ކޮމިޓީން އޭނާގެ ބޮލަށް މައްސަލަތައް އޮއްސާލީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން ކަމަށެވެ.

"ދުނިޔޭގެ 150ށްވުރެ ގިނަ އެސޯސިއޭޝަންތަކުން ތިބީ އަހަންނަށް ވޯޓުދޭން. ފީފާ ބަދަލު ކުރާނެ މީހަކަށް އަހަރެން ވާނެ ކަމުގެ އުއްމީދުގައި. އެކަމަކު އެއްވެސް ކުށެއްނެތި އެކަމަށް ހުރަސްއަޅާފައިވަނީ ވަކި ކަންތައްތަކެއް ވަކި ބަޔަކު ހާސިލްކުރަން. ބަލަންތިބޭ. އިންސާފު ލިބޭނެ އަދި،" ޕްލެޓިނީ ވިދާޅުވި އެވެ.

ފީފާގެ އިންތިހާބުގައި ފަސް ކެނޑިޑޭޓުން ވާދަކުރައްވާނެ އެވެ. އޭގެ ތެރޭގައި ފީފާގެ ކުރީގެ ނާއިބް ރައީސް އުރުދުންގެ ޕްރިންސް އަލީބިން އަލް ހުސައިން އާއި ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ އަކީ އެންމެ ބޮޑަށް ވާދަކުރައްވާނެ ތިން ބޭފުޅުންނެވެ.