ސުޕްރީމް ކޯޓް

ޒަމާނީ ކޭސް މެނޭޖްމަންޓް ސިސްޓަމަކަށްދާން އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި

Jan 8, 2016

ކޯޓްތަކުގައި ޒަމާނީ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދި ވަޑައިގެންފި އެވެ.

އެ މަނިކުފާނު މިކަމަށް އެދި ވަޑައިގެންނެވީ ޖުޑީޝަރީގެ ވެބްސައިޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓް އިފްތިތާކޮށްދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޒަމާނީ ކޭސްމެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް، އީ-ފައިލިންގެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށާއި ފަނޑިޔާރުންގެ މަޖިލީހަކީ ވެސް ޕޭޕަލެސް ތަނަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކަންކަން ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ޝަރުއީ ކޯޓުތަކުގެ ޝެޑިއުލްތައް އޮންލައިންކޮށް ބެލޭނެ ނިޒާމެއް ކޯޓުތަކަށް ގާއިމްކޮށްދިނުމަށް އެދި ވަޑައިގެން 2016 ވަނަ އަހަރުގެ ޖުޑީޝަލް އިޔާ ފެށުމުގެ ތައްޔާރީތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސާފު ކުރެއްވި އެވެ.

އިއްޔެ އިފްތިތާހު ކުރި ޖުޑީޝަރީގެ އާ ވެބްސައިޓަކީ ދާއިރާގެ ހާބަރާއި މައުލޫމާތު ހިމެނޭ، ފަނޑިޔާރުންނާއި ވަކީލުންނާއި ޝަރުއީ މައުޛޫނުންނާއި އިދާރީ ފަރާތްތަކާއި އާންމުންނަށް ބޭނުންވާ މުހިންމު މަޢްލޫމާތު ހިމެނޭ ސައިޓެކެވެ. ސައިޓް އިފްތިތާހުކޮށް ދެއްވުމަށްފަހު ވެބްސައިޓާއި، ލޯރިޕޯޓް ޑާޓާބޭސްއާ ބެހޭ މަޢްލޫމާތު އުއްތަމަ ފަނޑިޔާރާ އިއްޔެ ވަނީ ހިއްސާ ކޮށްފަ އެވެ.