ލައިފްސްޓައިލް

ބަބުލްގަމް ބޮކިއަރުވައިގެން ފައިސާ ހޯދަނީ

ޖަރުމަނު އަންހެނަކު ބަބުލްގަމުން ބޮކި އަރުވައިގެން މަހަކު 700 އަށް ވުރެ ގިނަ ޕައުންޑް ހޯދާކަން އެނގޭ ހެއްޔެވެ؟ ޖޫލިއާ ފޮރަޓް ނަމަކަށް ކިޔާ 30 އަހަރުގެ މި އަންހެންމީހާއަކީ ބަބުލްގަމުން ކައިފައި އޭނގެން ވަރަށް ބޮޑެތި ބޮކިތައް އެރުވުމުގެ ހުނަރު ވަރަށް ރަނގަޅަށް ލިބިފައި ހުރި އަންހެނެކެވެ. އޭނާ ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވަނީ އޭނާގެ ބޮކިއެރުވުމުގެ ކުޅަދާނަކަމުންނެވެ.

ޖޫލިއާ ފަހަރަކު 30 ވަރަކަށް ޗުއިންގަމް ކައެވެ. އަދި އޭނާގެ ބޮލުގެ ސައިޒަށް ވުރެ ދެ ގުނަ ބޮޑެތި ބޮކިތައް އަރުވަ އެވެ. އަދި މި ބޮކިތައް އަރުވާ ގަޑީގައި ފޮޓޯ ނަގައި ނުވެސް ދަންނަ މީހުންނަށް އެ ފޮޓޯތައް ވިއްކަ އެވެ.

އޭނާ ސޯޝަލް މީޑިއާގައި މި "ވިޔަފާރި" ފެށިއިރު އަތުގައި އޮތީ މަދު ފައިސާ ކޮޅެކެވެ. އެ ފައިސާ ކޮޅުން ޗުއިންގަމް ގަނެގެން ބޮކި އަރުވަމުންގޮސް މިހާރު ރަނގަޅު އާމްދަނީ އެއް ލިބެ އެވެ.

ބަބުލްގަމް ބޮކި އަރުވާތަން ފޮޓޯ ނަގައި ވިއްކިދާނެ ކަމަކަށް ޖޫލިއާ ކުރިން ހިއެއް ނުކުރެ އެވެ. އޭނާއަށް މި ޚިޔާލު ދިނީ އެކުވެރިއަކު ޖޯކަކަށް ހަދާފަ އެވެ.

ނަމަވެސް އެ ޖޯކު އޭނާ ސީރިއަސްކޮށް ނަގައިގެން އެކަމާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން އެއީ ވިޔަފާރިއަށް ކުރެވިދާނެ ކަމެއް ކަން އެނގި އެ މަސައްކަތް ފެށީ އެވެ.