ރައީސް މުހައްމަދު ނަޝީދު

ނާޒިމު ހައްޔަރުކުރީ ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން: ނަޝީދު

Jul 28, 2022
5

ކޮއްކޯފުޅު ނާޒިމު އަބްދުއްސައްތާރު ހައްޔަރުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ނާޒިމާއި އިތުރު ބަޔަކު މިއަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު ނާޒިމު، ރިސޯޓެއްގައި "ފިލައިގެން" ހުންނަވަނިކޮށް ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ބަންގްލަދޭޝްގެ އަލަމްގީރް ކިޔާ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު އެތަނުން އެއް ވީޑިއޯގައި ނާޒިމު ކަމަށް ބުނާ މީހަކު ފެނެ އެވެ.

ނާޒިމު ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ނާޒިމު ހައްޔަރު ކުރީ ޖިނާއީ އިޖުރައާތާ ހިލާފަށެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ނާޒިމު ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ނާޒިމު ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރުގެ ނުފޫޒުން ކަމަށެވެ. އަދި އެގޮތަށް ސަރުކާރުން އަމަލުކުރީ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށްވެސް ނަޝީދު ތުހުމަތުކުރައްވާފައިވެ އެވެ،

ފުލުހުންގެ ތަހުގީގަށް ނުފޫޒު އޮތް ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަދެއްކެވި ނަމަވެސް ފުލުހުން މިރޭ ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.