އޮފްބީޓް

ސީރިއާގެ އަވަށެއް ބަނޑަށްޖެހިފައި، އަވަށުން ބުޅަލާއި މީދާ ހުސްވެއްޖެ!

ސީރިއާ އަދި ލުބްނާން ގުޅޭ ސަރަހައްދުގައި އޮތް ކުޑަ އަވަށެއް ކަމަށްވާ މަދާޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ އަވަށަށް ވަނުމުގެ ހުއްދަ އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް ސީރިއާގެ ސަރުކާރުން ދީފިއެވެ. އެ އަވަށުގެ ރައްޔިތުން ދަނީ ބަނޑަށް މަރުވަމުންނެވެ.

އދ. އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމިއްޔާއިން އެ އަވަށަށް އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަވަށުގައި ސިއްހީ ފަރުވާ އާއި ކާނާ އެއްގޮތަކަށް ވެސް ނެތް ކަމަށެވެ.

މަދާޔާގެ ރައްޔިތެއް ކަމަށްވާ އަބޫ އަބްދުލް ރަހުމާން "އަލް ޖަޒީރާ"އަށް ބުނެފައިވަނީ، "އަހަރެން ހަތަރު ދުވަސް ވެއްޖެ ނުކާތާ، އަހަރެންނާއި އަހަރެންގެ އާއިލާ ދިރިހުންނާނެހެން ހިއެއް ނުވޭ،"

ރަހުމާން ބުނާގޮތުގައި އެމީހުން ގޭތެރޭގައި ހަރަކާތްތެރިވެ އުޅެނީ ވަރަށް ކުޑަކޮށެވެ. ކޮންމެހެން ކުރަންޖެހޭ ހަރަކާތެެއް ނޫނީ ނުކުރެއެވެ. އެއީ އެއްވެސް ހަކަތައެއް ބޭކާރުގެ ގޮތުގައި ދުއްވާލާން ބޭނުންނުވާތީ ކަމަށް ރަހުމާން ބުނެއެވެ. ރަހުމާން ބުނާގޮތުގައި އެވަށުން ބުޅަލާއި މީދާ ވަނީ އެއްކޮށް ހުސްވެފައެވެ. އެއީ އެމީހުން ކާނެ އެއްޗެއް ނެތިގެން ކައި އުޅުނު އެއްޗަކަށްވުމުންނެވެ. މީގެއިތުރުން ގަސްތަކުގެ ފަތްތައް ވެސް ވަނީ މަދުވެފައެވެ.

ރެޑް ކްރޮސްއިން ބުނެފައިވަނީ އެ އަވަށުގެ މީހުން، ފިނީގެ ސަބަބުން މަރުވަމުންދާ ކަމަށެވެ. އެމީހުން ފިނިން ރައްކާތެރިވުމަށް އަންދަނީ ޕްލާސްޓިކް ކަމަށް ވެސް ރެޑް ކްރޮސްއިން ވަނީ ބުނެފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފަިއވަނީ، މިހާތަނަށް މަދާޔާ އަވަށުން 23 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. އިނގިރޭސިވިލާތުގެ މޮނިޓަރިން ގުރޫޕަކުން ބުނެފައިވާ ގޮތުގައި އެ ވަށުގައި މަލްނިއުޓްރިޝަންއާ ހަނގުރާމަކުރާ 300 އެއްހާ ކުޑަކުދިން އެބަ ތިއްބެެވެއެވެ. އެ އަވަށުގައި ގާތްގަނޑަކަށް 40،000 އެއްހާ މީހުން ދިރިއުޅެއެވެ.

އދގެ ރެފިއުޖީ އެޖެންސީގެ ޗީފް ސްޕޯކްޕާސަން މެލީސާ ފެލެމިން ވިދާޅުވާ ގޮތުގައި ސީރިއާގެ އެތައް ސަތޭކަ ހާސް މީހުންނެއް ދިރިއުޅެމުން ދަނީ މަދާޔާ އަވަށުގެ ރައްޔިތުން ދިރިއުޅެމުންދާ ފަދަ ހާލަތެއްގަ ކަމަށެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުމަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އެ ހަމަނުޖެހުންތަކަށް ހައްލެއް އަދިވެސް ވަނީ ނުލިބިއެވެ. މި ހަމަނުޖެހުންތަކުގައި އެ ގައުމުގެ 250،000 އެއްހާ މީހުން މަރުވެފައިވާއިރު އެތައް މިލިއަން މީހުން ވަނީ ގައުމު ދޫކޮށް، ރެފިއުޖީންއަށްވެފައެވެ.