އަހުމަދު މަހްލޫފު

އެމްޑީޕީގެ ބައި-އިލެކްޝަން ކޮމިޓީގެ ވެރިޔަކަށް މަހްލޫފް

Jul 30, 2022

ގައުމީ ފެންވަރުގައި ބާއްވާ ބައެއް ބައި-އިލެކްޝަންތަކުގައި ވެރިކަން ކުރާ އެމްޑީޕީއަށް ނާކާމިޔާބުވާ އަދަދު އިތުރުވާން ފެށުމާ ގުޅިގެން ބައި އިލެކްޝަން ކޮމިޓީ އުފައްދާ، ކޮމިޓީގެ ޗެއާ އަކަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ ގޮތުގައިވެސް ހުންނެވީ މަހްލޫފް އެވެ.

ބައި އިލެކްޝަން ކޮމިޓީގެ މަސައްކަތްތައް އެމްޑީޕީން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އޮތީ އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ މ. ދިއްގަރު އަދި ތ.ގާދިއްފުށީގެ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރުމެވެ.

ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަނީ އަބްދުﷲ އާރިފް އެވެ. ގާދިއްފުށި ކައުންސިލްގެ ބައި އިލެކްޝަންގައި އަންހެނުންގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަނީ ޒުލައިޚާ އަހްމަދެވެ.

މިމަހުގެ ބޭއްވި ށ. ކޮމަންޑޫ، ތ. ވަންދޫ އަދި އައްޑޫ ސިޓީގެ ހިތަދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ވާދަކޮށް އެމްޑީޕީއަށް ވަނީ މި އިންތިހާބު ތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.