މުހައްމަދު ނާޒިމް

ގައުމާއި ހަވާލުވެގެންތިބި ލީޑަރުން ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލައިފި: ނާޒިމް

ގައުމާއި ހަވާލުވެގެންތިބި ލީޑަރުން ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލައިފި ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތުތަކެއް ފެންމަތި ކުރައްވާފައި ވަނިކޮށެވެ. އަދި ބަންގްލަދޭޝްގެ ފިރިހެނަކާއެކު ދިވެހީންގެ އެކި ފަންތީގެ މީހުން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުވެ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ފެށުމުން އެ މީހުންގެ ދިފާއުގައި ބައެއް ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.

މި ސަރުކާރު ގެނައުމަށް މަަސައްކަތްތަކެއް ކުރެއްވި ނާޒިމް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާނަމޭ ބުނެ ރައްޔިތުންނަށް ވައުދުވެ ގައުމާއި ހަވާލުވެގެން ތިބި ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް ގައުމާއި ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލައިފި ކަމަށެވެ.

އަދި ވިދާޅުވީ މި ނޫން ގޮތެއް މިހާރު މިއޮތީ ހޯދަންޖެހިފައިވާ ކަމަށެވެ.

އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް އިއްޔެ ހަވީރު ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށާ އެ ފޮޓޯތައް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައިވެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ބަރަހަނާ ހަތަރު ފޮޓޯގަނޑެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ. އެއީ މީހަކު އެމަނިކުފާނަށް ފޮނުއްވާފައިވާ ފޮޓޯތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އެ [ރައީސް ސޯލިހްގެ ފޮޓޯތައް] ޕޮލިހަށް ފޮނުވަންވީތޯ،" ނަޝީދު އަލުން ސުވާލު ކުރައްވާފައިވެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ގޮތުން ގާތް އަދި ވަރަށް އެކުވެރި ބޭފުޅެއްގެ ދަރިއެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.