ބޭރު ކުޅިވަރު

ރޮނާލްޑޯއަށް ލިބުން ގާތީ ތިންވަނަ

"އަހަންނަށް ހީވަނީ (ބާސެލޯނާގެ ލަޔޮނަލް) މެސީ ހެން މި ފަހަރު އެވޯޑް ގެންދާނީ. އެއީ މިކަހަލަ އެވޯޑްތައް ޑިޕެންޑްވަނީ ވޯޓުގެ މައްޗަށް ކަމަށްވާތީވެ،" ގޮނަތަން ރޮސް އަށް މިދިޔަ ނޮވެމްބަރު މަހު ދިން އިންޓަވިއުއެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ ދެ އަހަރު ހޯދި ރޮނާލްޑޯ މިހެން ބުނެފައިވާއިރު އޭނާ އަށް މި ފަހަރު މި އެވޯޑް ލިބިއްޖެނަމަ މެސީގެ ރެކޯޑާ އަރާ ހަމަކުރެވޭނެ އެވެ.

ނަމަވެސް މެސީ އަނެއްކާ ވެސް އެވޯޑް ހޯދައިފިނަމަ ފަސް ވަނަ ފަހަރަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބި އަނެއްކާ ވެސް ތާރީހުން ޖާގަ ހޯދާނެ އެވެ.

އަނެއްކޮޅުން ރޮނާލްޑޯ ގަބޫލުކުރަންޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. އެވޯޑް ނައިޓް ގާތްވަމުން އަންނައިރު ގިނަ ބައެއްގެ ނަޒަރުގައި ރޮނާލްޑޯ އަށް މިފަހަރު ދެ ވަނަ ވެސް ނުލިބޭނެ އެވެ. ބާސެލޯނާގެ ފޯވަޑް ނޭމާ ހުރުމުން ރޮނާލްޑޯއަށް ލިބުން ގާތީ ތިން ވަނަ ކަމަށް ގިނަ ބަޔަކު ބުރަވެ އެވެ.

ސަބަބަކީ ރޮނާލްޑޯގެ ކާމިޔާބީތައް މިދިޔަ އަހަރު ފަނޑުވުމެވެ. އެހެންވެއްޖެނަމަ މިއީ 2009 ގެ ފަހުން އެކެއް ނުވަތަ ދެވަނަ އިން ރޮނާލްޑޯ ނެއްތިގެންދާނެ ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި މެސީ އާއި ނޭމާ މޮޅަށް ކުޅެ ބާސެލޯނާ އަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގާއި ދުނިޔޭގެ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދިންއިރު ރޮނާލްޑޯ ސީޒަން ނިންމާލީ ހުސްއަތާ އެވެ. އޭނާ ގިނަ ގޯލުތަކެއް ޖެހި ނަމަވެސް މެސީ އާއި ނޭމާގެ ގޯލުތަކުން ބާސެލޯނާ ހޯދި ކާމިޔާބީއާ އަރާ ހަމަކުރުމަކީ އުނދަގޫ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.