ބޭރު ކުޅިވަރު

އަހަރެން ހުއްޓާ ރެއާލް ދޫކޮށް ރޮނާލްޑޯ ނުދާނެ: ޒިދާން

އޭނާ ކޯޗަކަށް ހުރިހާ ހިނދަކު ކްރިސްޓިއާނޯ ރޮނާލްޑޫ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ ކަމަށް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މި ހަފުތާގައި ރެއާލްގެ ކޯޗުކަމާ ހަވާލުވި ޒިދާން ބުނީ ރޮނާލްޑޯ އަކީ ރެއާލްގެ ބިންގާ ކަމަށާއި އޭނާ ހުއްޓައި ރޮނާލްޑޯ ދާނެ އެހެން ކުލަބެއް ނެތް ކަމަށެވެ.

ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ ދެ އަހަރު ހޯދި ކުޅުންތެރިޔާ އަލުން ގެންދިއުމަށް އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފައިވިއްދާފަ އެވެ. އެކުލަބުގެ ކޯޗު ލުއިސް ވެންހާލް ބުނީ ރޮނާލްޑޯއަކީ އޭނާ ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި ވާގޮތް ބަލަންތިބެންވީ ކަމަށެވެ.

ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގުގެ މެޗެއްގައި ޑިޕޯޓިވޯ ލަކަރޫނިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ ރޮނާލްޑޯ ލައްވައި އޭނާ ކުޅުވާނީ ވާތްފަރާތު އަރިމައްޗަށް ކަމަށެވެ. އަދި ޓީމު ވަނީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެފައި ކަމަށާއި ޓީމާއެކު ކުރިއަށް ދިއުމުގެ އިތުބާރާއި ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.