އެމްއެންޑީއެފް

ސިފައިންގެ ނޮދަން ކޮމާންޑް ސެންޓަރު މާފިލާފުއްޓަށް ބަދަލު ކުރަނީ

Jan 9, 2016
  • މާފިލާފުށީގައި މިހާރު ވެސް ތަމްރީންތައް ހިންގައި
  • ސިފައިންގެ ޓްރެއިނިންތަކުގެ މައި މަރުކަޒަކަށް ވާނީ އެ ރަށް
  • އިންޑިއާއިން އަޅައިދިން ފެންވަރު ރަނގަޅު އިމާރާތެއް އެބަ ހުރި

ޅ.މަޑިވަރުގައި ހުންނަ ސިފައިންގެ ނޮދަން ކޮމާންޑް ސެންޓަރު، އެ އަތޮޅު މާފިލާފުއްޓަށް ބަދަލުކޮށް ސިފައިންގެ ތަމްރީންތައް ހިންގާ މައި ރަށަކަށް އެ ރަށް ބަދަލު ކުރަން އެމްއެންޑީއެފް އިން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ ރަށަށް ނޮދަން ކޮމާންޑް ސެންޓަރު ބަދަލު ކުރަނީ، އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުން ކުރުމަށް ފެންވަރު ރަނގަޅު އިމާރާތެއް، އިންޑިއާ ސަރުކާރުގެ އެހީގައި އެ ރަށުގައި ހަދާފައި ވާތީ އެކަމުގެ ސަބަބުން ގިނަ ފަސޭހަތަކެއް ސިފައިންނަށް ވާނެތީ ކަމަށެވެ. އަދި އެ ރަށަކީ ކުރިން މީހުން އުޅުނު ރަށަކަށް ވާތީ އެ ރަށުގައި ހުރި އިމާރާތްތައް ސިފައިންގެ އެކި ބޭނުންތަކަށް ބޭނުން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ހުރިހާ ގޮތަކުން ވެސް އެންމެ އެކަށީގެންވާ ރަށަކީ އެ ރަށް. އެހެން ނަމަވެސް ބަނދަރެއް ނެތުމުގެ ދަތިކަން އެ ރަށަށް އެބަ އޮތް. އެހެން ވީމާ ބަނދަރެއް އެ ރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާފިލާފުށީގައި ބަނދަރު ނިމުމުން އެ ރަށަށް ސިފައިންގެ ކޮމާންޑް ސެންޓަރަކަށް ބަދަލުކޮށް، ސިފައިންގެ ތަމްރީންތައް ހިންގާނެ މައި މަރުކަޒަކަށް އެ ރަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ރަށުގައި މިހާރު ވެސް ސިފައިންގެ ބައެއް ތަމްރީންތައް ހަދަ އެވެ. 

އެ ރަށުގައި ދިރިއުޅެމުން އައި 100 އެއްހާ މީހުންނަށް ހުޅުމާލެއިން ފްލެޓްދީ އެ ރަށް ހުސްކުރީ ސީދާ ސިފައިންގެ ތަމްރީންތަކުގައި ބޭނުން ކުރުމަށެވެ. އަދި އެ ރަށަކީ ތާރީހެއް ވެސް އޮތް ރަށެކެވެ. މާލޭގައި އޮތް ރަސްކަމާ ދެކޮޅަށް އެއް ދުވަސްވަރެއްގައި އާ ރަސްކަމެއް ވެސް ހިންގި މާފިލާފުށީގައި ދެ ވަނަ ފަހަރަށް މީހުން އާބާދުވީ މީގެ ވިއްސަކަށް އަހަރު ކުރިން އޭރުގެ ސަރުކާރުން އެއީ އަލަށް އާބާދުކުރާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ. އެ ރަށް އަލުން އާބާދު ކުރުމަށް ވެސް މީގެ ކުރިން ވާހަކަ ދެއްކި އެވެ.