ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސިޒޭރިއަން ހަދައިގެން ހާލު ބޮޑުވި މީހާ މާލެ ގެންނަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދައިގެން ލޭ މަނާ ނުވެ ހާލު ބޮޑުވި މީހާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ. އެ މީހާ އަދިވެސް ހޭނާރާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން "އަވަސް"އަށް ވިދާޅުވީ، އަންހެން މީހާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މެންދުރުފަހު 12:30ގައި ކުޅުދުއްފުއްޓަށް ސީޕްލޭން ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސީޕްލޭންގައި އެ މީހާ މާލެ ފޮނުވާލުމަށް ތައްޔާރީތައް ދަނީ ކުރަމުންނެވެ.

އަންހެން މީހާގެ އާއިލާއާ ހަވާލާދީ ވިދާޅުވީ، އަންހެންމީހާގެ ހާލު ރަނގަޅުވަމުން ނުދާ ކަމަށެވެ. ރޭގެ ވަގުތެއްގައި އޭޑީކޭގެ ޑޮކްޓަރަކު ވެސް ވަނީ އެ މީހާއަށް ފަރުވާ ދިނުމަށް ކުޅުދުއްފުއްޓަށް ގޮސްފައެވެ.

އެ މީހާ ސިޒޭރިއަން ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުއެވެ. ސީޒޭރިއަން ހެދުމަށްފަހު ދަރިފުޅު ނަގައި ދަރިފުޅަށް ވަނީ އައިސީޔޫގައި ފަރުވާދީފައެވެ. ނަމަވެސް މިހާރު ދަރިފުޅު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

އޭނާ އޮޕަރޭޝަން ކުރި ފަހުން އަދި ހޭނާރާ އޮތް މީހާގެ ލޭ މަނާ ނުވެގެން ރަހިމު ވެސް ވަނީ ނަގާފަ އެވެ. އާއިލާއިން ބުނެފައި ވަނީ ސިޒޭރިއަންއަށްފަހު ދިމާވި މައްސަލައެއް ނޭނގޭ ކަމަށާއި އެކަމާ ގުޅިގެން ޑޮކްޓަރުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށެވެ.

ވެންޓިލޭޓާގެ އެހީގައި ނޭވާލަމުންދާ މީހާގެ ހާލަތާ ގުޅޭގޮތުން "އަވަސް"އަށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ، އެ ކޭސްއާ ބެހޭ ގޮތުން ޑޮކްޓަރުން ވަކި އެއްޗެއް އަންގާފައިނުވާތީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.