މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އެންމެ ގިނައީ ކުޑަކުދިންނަށް އިހްމާލުވާ މައްސަލަ

Aug 2, 2022

ޖޫން މަހު ރިޕޯޓް ކުރި ކުޑަކުދިންގެ މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނައީ އިހްމާލުގެ މައްސަލަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީއަށް ޖޫން މަހު ލިބިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ އިދާރާއަށް ލިބުނު ޖޫން މަހު ހުށަހެޅި ޖުމްލަ 248 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނާ މެދު އިހްމާލުވެގެން ހުށަހެޅި މައްސަލަ އެވެ. މިފަދަ 28 މައްސަލަ ޖޫން މަހު އެކަނިވެސް ރިޕޯޓްކޮށްފައިވެ އެވެ.

ކުޑަކުދިންނާ ގުޅުން 126 މައްސަލަ ޖޫން މަހު ރިޕޯޓްކޮށްފައިވާއިރު ގެވެށި އަނިޔާ ކުރަނިކޮށް ދެއްކުން ނުވަތަ އެފަދަ މަންޒަރެއް ފެނުމާ ގުޅޭ 27 މައްސަލަ މީގެތެރޭގައި ހިމެނެ އެވެ.

ޖޫން މަހު ރިޕޯޓް ކުރި އިތުރު ބައެއް މައްސަލަތައް

  • ނަފްސާނީ އަނިޔާގެ 26 މައްސަލަ
  • ޖިންސީ އަނިޔާގެ 24 މައްސަލަ
  • ޖިސްމާނީ އަނިޔާގެ 16 މައްސަލަ
  • ބުލީގެ ތިން މައްސަލަ
  • ބްލެކްމެއިލް ކުރުމުގެ އެއްމައްސަލަ
  • ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ އެއް މައްސަލަ

މީގެއިތުރުން ވަކި ޖިންސަކަށް ވުމުން ކުރާ ގެވެށި އަނިޔާގެ 40 މައްސަލަ އާއި، އާއިލީ 26 މައްސަލައަކާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި މަރުވާން އުޅުމާ ގުޅޭ 20 މައްސަލައަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 19 މައްސަލައާއި، ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 12 މައްސަލައެއްގެ އިތުރުން ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ހަތަރު މައްސަލަ ވެސް ޖެންޑާ މިނިސްޓްރީއަށް ޖޫން މަހު ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ ޖޫން މަހު ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނު ހަތަރު ކުއްޖަކާ އެކު ޖޫން މަހުގެ ނިޔަލަށް 196 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.