މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްވުމުން ޑްރައިވަރަށް ހަމަލާ ދިން މީހަކު ހޯދަނީ

Aug 4, 2022

މާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވުމުން ޕިކަޕް ދުއްވަން އިން މީހާއަށް ހަމަލާ ދިނުމަށްފަހު ފިލައިގެން ދިޔަ މީހަކު ހޯދަން ފަށައިފި އެވެ.

މިއެކްސިޑެންޓް ހިނގީ ރޭ 7:28 ހާއިރު މަޖިދީ މަގާއި އަލިކިލެގާފާނު މަގު ގުޅުނު ހިސާބުގަ އެވެ.

އެކްސިޑެންޓްވި ވަގުތު ޕިކަޕް ދުއްވަން އިނީ ބިދޭސީ އެކެވެ. އެކްސިޑެންޓްވުމުން ސައިކަލްގައި އިން ދިވެއްސަކު ވަނީ ބިދޭސީ މީހާގެ މޫނު މަތީގައި ޖަހައި ނޭފަތް ފަޅާލާފަ އެވެ.

ބިދޭސީ މީހާގެ ނޭފަތުން ލޭ އަންނަ މަންޒަރުތައް ފެންނަ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ބިދޭސީ މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެނގިފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްވުމުން ޕިކަޕް ޑްރައިވަރަށް ހަމަލާ ދިނުމަށްފަހު ފިލައިގެން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހޯދަމުންދާ ކަމަށެވެ.

ފުލުހުން ހޯދަމުންދާ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިދާރާ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.