އޮބިޗުއަރީ

ހައިވަކަރު އަހްމަދުފުޅު އަވާހަރަވެއްޖެ

Aug 5, 2022

ދިވެހި ދައުލަތަށް ގިނަ އަހަރުތަކަކު ހިދުމަތް ކުރައްވާފައިވާ މއ. ހައިވަކަރުގޭ އަހްމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވެއްޖެ އެވެ.

އަހްމަދުފުޅު އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ފަތިހުގެ ވަގުތެއްގަ އެވެ. ޖަނާޒާ އޮތީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިތުރުން އަހްމަދުފުޅު ވަނީ ކުޅިވަރު ކުޅުއްވާ އަދި ކުޅިވަރުގެ ދާއިރާ ތަރައްގީކުރެއްވުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީންގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ތަމްރީން ދިނުމަށް މަޖީދިއްޔާ ސްކޫލުން ނެގި 24 ކުދިންގެ ތެރެއިން ގޯލްކީޕަރަކަށް ނެގި ދަރިވަރަކީ ވެސް އަހްމަދުފުޅެވެ.

އަހްމަދުފުޅު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ސިފައިންގޭގަ އެވެ. އެގޮތުން 25 އަހަރު ސިފައިންގޭގެ ހިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ވަނަ އަހަރު ދިވެހި ސަރުކާރުން އޭނާގެ ހިދުމަތް އެހެން ދާއިރާއަކުން ބޭނުންވުމުންނެވެ.

އަހްމަދުފުޅު ވަނީ ޅ. އަތޮޅާއި މ. އަތޮޅާއި އަދި އައްޑު އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވަވާފަ އެވެ. މީގެއިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވެ އެވެ.

އަހްމަދުފުޅު އަދާކުރެއްވި މަގާމުތައް

  • ސިފައިންގެ ވަޒީފާ
  • އަތޮޅުވެރިކަން
  • މިނިސްޓްރީ އޮފް ޕްރޮވިންސަލް އެފެއާޒްގެ އެސިސްޓެންޓް އަންޑާ ސެކެޓްރީ
  • ރެންޓަލް ޑިވިޝަންގެ އެސިސްޓެންޓް މެނޭޖަރު
  • ރެންޓަލް ޑިވިޝަންގެ މެނޭޖަރު
  • ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރު
  • މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓަރު
  • މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗާގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް
  • ކޮމިޔުނިޓީ އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް

އުމުރުފުޅުން 89 އަހަރުގައި އަހްމަދުފުޅު އަވަހާރަވީއިރު އަނބިކަނބަލުން، ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ނަޖުމާ ހުސައިން (ނަޖުމާއްތަ) ދުނިޔޭގައި އެބަހުންނެވި އެވެ.

އަހްމަދުފުޅުގެ ބައެއް ބޭފުޅުންނަކީ ވެސް އާންމުންގެ މެދުގައި މަގުބޫލު ބޭފުޅުންނެވެ. އެގޮތުން އަހްމަދުފުޅުގެ ބޭފުޅުންގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މައުރޫފް (މާއްޓޭ) އަކީ ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ނަމެވެ. މަހްދީ އަހްމަދަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ރަން ވަނަތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ލީލާ އަހްމަދާއި ފިޓްނަސް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު މިސްތޯހް (މިސްތޯ) އަކީ މެރެތަން ދުވާ ދުވުންތެރިންގެ ތެރެއިން ފާހަގަކުރެވޭ ދެ ބޭފުޅުންނެވެ. ލީލާ އަކީ ގައުމީ ޔުނިވަސިޓީގައި ޑީންގެ މަގާމުވެސް ފުުރުއްވާ ބޭފުޅެކެވެ.