ބޮލީވުޑް

އެންމެފަހުން "ސުލްތާން"ގެ ބަތަލާ އަކަށް އަނުޝްކާ

Jan 9, 2016

ސުޕަސްޓާ ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ "ސުލްތާން"ގެ ދެވަނަ ޝެޑިއުލްގ ޝޫޓިން ފެށުނު ފަހުން ބަތަލާއަކަށް އަނުޝްކާ ޝަރްމާ ހަމަޖައްސައިފި އެވެ.

ސަލްމާނާއެކު މިފިލްމުން ބަތަލާއަކަށް ފެނިގެންދާނީ އަނުޝްކާ ކަން ހާމަކޮށްފައިވަނީ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓެއްގަ އެވެ. ޒަފަރު ސަލްމާން އާއި އަނުޝްކާގެ ފޮޓޯއަކާއި އެކު ކޮށްފައިވާ ޓްވީޓެއްގައި ވަނީ "ސުލްތާން އަށް އެންމެފަހުން އޭނާގެ ލޯބި ލިިބިއްޖެ" މިހެންނެވެ.

މިފިލްމުގެ ބަތަލާއަކަށް އަނުޝްކާ ހަމަޖެއްސިކަން ޔަގީންކޮށްދެމުން ޔާޝް ރާޖް ފިލްމްސް އިން އާންމުކުރި ބަޔާނެއްގައި ވަނީ ޔާޝް ރާޖްގެ ކުޑައިގެ ދަށުން ބޮލީވުޑަށް ތައްރާފްވި ބަތަލާ އަނުޝްކާ، މިފިލްމުގައި ސަލްމާނާއެކު ލީޑްރޯލުން ފެނިގެން ދިއުމަސް ހަމަޖެހިފއިވާ ކަމަށެވެ.

"ސުލްތާން" ގައި އަނުޝްކާ ސަލްމާނާއެކު ފެނިގެން ދިއުމުން އެނާ އަށް ބޮލީވުޑްގެ ތިން ޚާނުންނާއެކު ވެސް ފިލްމުތައް ކުޅެވުނީ އެެވެ. އަނުޝްކާ ބޮލީވުޑަށް ތައާރަފުވި ފިލްމުގައި އޭނާ ފެނިގެންގޮސްފައިވަނީ ޝާހްރުކް ޚާނާއެކު އެވެ. އޭގެފަހުން 2014 ވަނަ އަހަރު ނިކުތް "ޕީކޭ"ގައި އަނުޝްކާ ވަނީ އާމިރް ޚާނާއެކު ފެނިގެން ގޮސްފައެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމުގައި ސަލްމާން ފެނިގެންދާނީ ރެސްލިންތަޅާ މީހެއްގެ ރޯލުންނެވެ. މިރޯލަށް ފިޓްވުމުގެ ގޮތުން ސަލްމާން ބަރުދަން އިތުރުކޮށް ގައިގެ މަސްތައް ވަރުގަދަކުރުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ބުނެވޭ ގޮތުގައި އަނުޝްކާ ވެސް މިފިލްމުގައި ފެނިގެންދަނީ ރެސްލިންތަޅާމީހެއްގެ ރޯލުންނެވެ.

މިފިލްމުގެ ބަތަލާގެ ރޯލުކުޅުމަށް އަނުޝްކާ އާއި ދިޕިކާ ޕަދުކޯންގެ އިތުރުން ކަންގަނާ ރަނާވަތު އަށް ވެސް ވަނީ މީގެކުރިން ހުށަހަޅާފަ އެވެ. އޭރު އަނުޝްކާ އާއި ކަންގަނާ ވަނީ އިތުރު ފިލްމުތަކަށް ވަގުތު ދޭން ޖެހޭ ކަމަށް ބުނެ، މިފިލްމުގެ ހުށަހެޅުން ދޫކޮށްލާފަ އެވެ. އަދި ދިޕިކާ ސަލްމާނާއެކު ފިލްމެއް ކުޅެން ހުށަހަޅާފައިނުވާ ކަމަށް ބުނެފައިވާއިރު، ފިލްމުގެ ބަތަލާގެ ރޯލުކުޅެން ހުށަހަޅާފައިވާ ކަން ވެސް ނުވަތަ ނޫންކަމަށްވެސް ޕަރިނީތީ ބުނެފައެއް ނުވެ އެވެ.

މިއަހަރުގެ ފިތުރު އީދާއި ދިމާކޮށް ރިލީޒްކުރަން ހަމަޖެހިފައިވާ މިފިލްމަކީ މިއަހަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

މިފލްމާއި އެއްދުވަހެއްގައި ޝާހްރުކްގެ "ރައީސް" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، ޝާހްރުކް އަންނަނީ މިދެފިލްމުގެ ކުރިމަތިލުމަކަށް ނުދާންވެގެން އޭނާގެ ފިލްމު ރިލީޒްކުރާ ދުވަސް ފަސްކުރުމަށް މިހާރު އަންނަނީ ވިސްނަމުންނެވެ.