ރައްޔިތުންގެ މަޖިލިސް

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

Aug 6, 2022

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މިކަން ޔަގީންކޮށްދިން ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ މުވައްޒަފުވެސް ސަސްޕެންޑް ކުރީ ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގަ އެވެ.

އަަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ މުވައްޒަފެއް ސަސްޕެންޑްކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދެ ޓީޗަރަކު ވެސް މިކުށުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފަ އެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެ އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ނަސީރު އެއްޖިންސުން ގުޅުން ހިންގާފައިވަނީ އަލަމްގިރިއާ އެކު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

މިހާރު ހައްޔަރުކޮށްފައިވާ އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.

މި ވީޑިއޯތައް ކޮށްފައިވަނީ އަލަމްގިރި ދިރިއުޅޭ ކޮޓަރިއަށް މީހުން ގެނައުމުގެ ކުރީން ކެމެރާ ވަކި ގޮތަކަށް ސެޓްކޮށްގެން ކަމަށް ބެލެވެ އެވެ.