ހަބަރު

ހާލު ބޮޑުވި އަންހެން މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާން ދޭން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދައިގެން ލޭ މަނާ ނުވެ ހާލު ބޮޑުވި މީހާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާން ދޭން ފަށައިފި އެވެ. އެ މީހާ މާލެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު ސީޕްލޭންއެއްގައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމް (އީއާރު)ގައި ކުޅުދުއްފުށީގެ އަންހެންމީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު އައިިސީޔޫއަށް ބަދަލުކޮށް ފަރުވާދެމުން ގެންދާ ކަމަށެވެ.

އެ މީހާ ސިޒޭރިއަން ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުއެވެ. ސީޒޭރިއަން ހެދުމަށްފަހު ދަރިފުޅު ނަގައި ދަރިފުޅަށް ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދީފައެވެ. ނަމަވެސް މިހާރު ދަރިފުޅު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. އަންހެންމީހާއަށް ފަރުވާ ދިނުމަށް ރޭގެ ވަގުތެއްގައި އޭޑީކޭގެ ޑޮކްޓަރެއް ކުޅުދުއްފުއްޓަށް ގޮސްފައިވެސްވެއެވެ.

އޭނާ އޮޕަރޭޝަން ކުރި ފަހުން އަދި ހޭނާރާ އޮތް މީހާގެ ލޭ މަނާ ނުވެގެން ރަހިމު ވެސް ވަނީ ނަގާފަ އެވެ. އާއިލާއިން ބުނެފައި ވަނީ ސިޒޭރިއަންއަށްފަހު ދިމާވި މައްސަލައެއް ނޭނގޭ ކަމަށާއި އެކަމާ ގުޅިގެން ޑޮކްޓަރުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށެވެ.