ހަބަރު

ދުބާއީގައި ދިވެހިންތަކެއް ހާލުގައި ޖެއްސި ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

އާ އަހަރާ ދިމާކޮށް ދިވެހި ޓްރެވަލް އެޖެންސީއެއް ކަމަށްވާ، "ޓްއަލޮޖީ" އިން ވިއްކި ޕެކޭޖެއްގައި ދުބާއީ އަށް ދިޔަ ދިވެހިންތަކެއް ހާލުގައި ޖެހުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައި، އެ އެޖެންސީއާ ގުޅުން އޮންނަ ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އެދެފި އެވެ.

"ޓުއަލޮޖީ"އިން ވަނީ 40 އަށްވުރެ ގިނަ ދިވެހިން ދުބާއީއަށް ގެންގޮސްދީފަ އެވެ. ނަމަވެސް އެމީހުންނަށް ވަންނާނެ ތަނެއް ނުލިބި، އަތުން އެތައް ލައްކަ ރުފިޔާއެއް ހަރަދުކުރަން ޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހާލުގައި ޖެހުނު ދިވެހިންނެވެ.

ދުބާއީއަށް ގެންގޮސްދިނުމާއި ފަސް ދުވަހުގެ ހުރުމާއި ކެއުން އަދި މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން ވެސް ހިމެނޭ ގޮތަށް "ޓްއަލޮޖީ"އިން ކޮންމެ ދިވެެއްސެއްގެ އަތުން 899 ޑޮލަރު ނަގާފައިވެ އެވެ. ހާލުގައި ޖެހުނު މީހުން ބުނަނީ، އެއާޕޯޓުން ހޮޓަލަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައި އެޖެންސީ އިން ދުބާއީ އެޖެންޓަށް ފައިސާ ނުދައްކާ ކަމަށް ބުނެ، 500 ޑޮލަރު ދިނުމަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް އެ ފައިސާ ނުދިނުމުން ދިވެހިންތައް ބަހުން ބާލާފައި ބަސް ދިޔައީ ކަމަށް ވެސް އެ މީހުން ބުންޏެވެ.

މި މައްސަލަ ފުލުހުންނަށް މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާއިރު ދުބާއީގައި އެމީހުން ހާލުގައި ޖެހިފައިވަނިކޮށް ދުބާއީގެ ޓޫރިޒަމް ކުންފުންޏަކުން އެމީހުންނާ ހަވާލުވެ، ފައިސާ ދައްކައި ދަތުރުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދިން ކަމަށް ވަނީ ބުނެފައެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ، ދުބާއީގައި ހާލުގައި ޖެހުނު ދިވެހިންތަކެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. އިސްމާއިލް ވިދާޅުވީ އެ މައްސަލައިގައި ހަތަރު މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގައި އެދިފައިވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ އެ ކުންފުނީގެ ޝެއާ ހޯލްޑަރުންނާއި އިސްކޮށް އުޅުނު ބައެކެވެ.