ލައިފްސްޓައިލް

އާލިއާގެ ދިފާއުގައި ފިލްމީ ތަރިން

އާލިޔާ ބަޓް ފުރަތަމަ ފަހަރަށް ޕްރޮޑިއުސް ކުރި "ޑާލިންގް"އަށް އެތަކެއް ބަޔަކު ފާޑު ކިޔަމުން ދަނިކޮށް، ބޮލީވުޑްގެ ބައެއް ތަރިން އާލިއާގެ ދިފާއުގައި ނިކުމެ އޭނާއަށް ތައުރީފް ކޮށްފި އެވެ.

އެގޮތުން ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ އާލިއާގެ ގާތް ރަހްމަތްތެރިޔާ ކަރަން ޖޯހަރް ބުނީ ޑާލިންގްގައި އާލިއާ ދައްކައިދެނީ އޭނާ އަކީ ހިތްވަރުގަދަ، ކެރޭ ފަންނާނެއް ކަމުގަ އެވެ.

ބޮލީވުޑްގެ ސްޕާ ސްޓާރު ޝާހުރުކް ހާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑާލިންގް އަކީ އޭނާއާ އާލިއާ އެކީގައި ޕްރޮޑިއުސް ކުރި ފުރަތަމަ ފިލްމު ކަމަށާއި، ފިލްމު އަވަހަށް ނިންމާ، ޕްރިިމިއާ ކުރުމަށް އާލިއާ ވަރަށް ބޮޑު އިސްކަމެއް ދިން ކަމަށެވެ.

އާލިއާގެ ދިފާއުގައި އޭނާގެ ފަހަރި އަދި މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް އާއި އާލިއާގެ ފަހަރިއަކަށް ވަރަށް އަވަހަށް ވެދާނެ ކަމަށް ބެލެވޭ މަލައިކާ އަރޯރާ ވެސް ވަނީ ވާހަކަދައްކާފަ އެވެ. ޑާލިންގް ބެލުމަށްފަހު މަލައިކާ ބުނީ އެ ފިލްމުގައި ދައްކައިދެނީ ފުރިހަމަ ހުށަހެޅުމެއް ކަމަށެވެ.

ކަރީނާ ކަޕޫރު ބުނީ އާލިއާއަކީ އަހަރުގެ އެންމެ މޮޅު އެކްޓަރު ކަމަށާއި އެހާ ޒުވާން އުމުރެއްގައި މަންމައަކަށް ވާން ތައްޔާރުވުމަކީވެސް އުފާވެރި ކަމެއް ކަމަަށެވެ.

ޑާލިންގްގައި ދައްކައިދެނީ އެކްޓަރު ވިޖޭ ވަރްމާ ގަދައަށް މަސްތުވެގެން ކޮންމެ ފަހަރަކު، އާލިއާއަށް އަނިޔާ ކުރާ ތަނެވެ. މިކަން އެކްޓަރު ރޯޝަންއަށް އެނގި ވަގުތުން ފުލުހުންގެ އިދާރާއަށް އެކަން އެންގުމުން ވިޖޭ ހައްޔަރު ކުރެ އެވެ. ނަމަވެސް، ދެން މަސްތުވާތަކެތި ބޭނުން ނުކުރާނެ ކަމަށާއި އާލިއާއަށް އަނިޔާ ނުކުރާނެ ކަމަށް އެތައް ފަހަރަކު، އާލިއާ ކައިރި ރޮއެ އާދޭސް ކުރުމުން ދޫކޮށްލި ކަމުގައި ވިޔަސް، ވިޖޭގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޯޝަން ކަން ވިޖޭއަށް އެނގުމާ އެކު، އާލިއާއާ ރޯޝަން ގުޅުން ހިންގާ ކަމަށް ޝައްކުކޮއް، އާލިއާ ބަނޑުުގައި އޮތް ދަރިޔަކީ ވެސް ތިމަންނަގެ ދަރިއެއް ނޫންކަމަށް ބުނެ، އާލިއާއަށް އެތައް އަނިޔާއެއް ކުރެ އެވެ.

ވިޖޭ ދިން އަނިޔާ ތަކުގެ ސަބަބުން، ދަރިފުޅު ބައިވެގެން ދެއެވެ. މި ހިތާމައިގައި އާލިޔާ ފެށީ އެކަމުގެ ބަދަލު ހިފާށެވެ. ވިޖޭއަށް އަނިޔާ ކުރަން ފެށި އެވެ. އަނިޔާ ކުރަމުން ގޮސް އޭނާ މަރާލުމުގެ ހިޔާލުވެސް ސިކުނޑިއަށް ވެރިވެ އެވެ.

މި ފިލްމަށް އިންޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ފާޑުކިޔާ މީހުން ސަބަބެއްގެ ގޮތުގައި ބުނަނީ ފިލްމުގައި ފިރިހެނުންނަށް ކުރާ ގެވެށި އަނިޔާ ދައްކާ އެކަން ކުރަން ހިތްވަރުދޭ ކަމަށެވެ.