ފޮރިން މިނިސްޓްރީ

ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފި

Aug 11, 2022

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ އުފައްދަންޖެހޭ "ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު" އެކުލަވާލައިފި އެވެ.

ފޮރިން ސާވިސްގެ ގާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައްވާފަ އެވެ.

ބޯޑުގައި ހިމެނޭ ބޭފުޅުން:

  • ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފު - ބޯޑުގެ ޗެއާ
  • އަހްމަދު ރަޝީދު، ކަރަންކާގެ / ށ. މަގޫދޫ - ހާރިޖިއްޔާއަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ރިޓަޔާކުރެއްވި ބޭފުޅުންގެ ތެރެއިން
  • ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އައިމިނަތު ޝިފާނާ - ފޮރިން މިނިސްޓްރީގެ އިދާރީ މުވައްޒަފުންގެ ތެރެއިން
  • ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ - ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ވެރިޔާގެ ހައިސިއްޔަތުން
  • ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު އައިމިނަތު ސަމްރާ - ހާރިޖިއްޔާގެ އާންމު މުވައްޒަފުންގެ ތެރެއިން

ފޮރިން ސާވިސް ހިންގުމުގައި ފޮރިން މިނިސްޓަރަށް ބޭނުންވާ ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑުގެ ފުރަތަމަ ބައްދަލުވުން ވެސް އިއްޔެ ވަނީ ބާއްވާފަ އެވެ.

ފޮރިން ސާވިސްގެ ގާނޫނަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރަން ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި، އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ. ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ދިވެހިރާއްޖޭގެ ފޮރިން ސާވިސް" އަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެކެވެ.

ފޮރިން ސާވިސް އެކުލެވިގެންވަނީ ފޮރިން މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށެވެ.

ފޮރިން ސާވިސްގެ ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތެއްގެ މަތިން ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޮރިން ސާވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.

ގާނޫނުގައިވާ ގޮތުން ފޮރިން ސާވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންޖެހެ އެވެ. ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފަކީ ފޮރިން ސެކްރެޓަރީ އެވެ. އެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ފޮރިން ސާވިސްގެ ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސް އެކުލަވާލުމަށް ގާނޫނުގައި ލާޒިމުކުރެ އެވެ. ފޮރިން ސާވިސް ބެހިގެން ވަނީ އެގްޒެކެޓިވް ސާވިސް ސްޓާފުން އަދި ޖެނެރަލް ސާވިސް ސްޓާފުންގެ މަގާމުތަކުގެ މައްޗަށެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމާއެކު ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ގާނޫނުގެ ދަށުން ބާރު ލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓަކަށް ބަދަލުވެގެންދާނެ އެވެ.