މީރާ

މީރާއަށް ޖުލައި މަހު 2.7 ބިލިއަން ރުފިޔާ

Aug 11, 2022

ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އަށް މިދިޔަ ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 311.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިއަހަރުގެ ޖުލައިގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 84.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. އޭގެ ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހުގައި އައިސްފައިވުމެވެ. މި ސުންގަޑި ވޭތުވެދިޔަ އަހަރު އައިސްފައި ވަނީ އޮގަސްޓު މަހު އެވެ.

މިދިޔަ މަހު ހަތް ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ދައްކާފައިވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެކެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު އާމްދަނީގެ ގޮތުގައި ލިބުނު އަދަދެއް ނޫނެވެ.

މީގެ އިތުރުން މިދިޔަ މަހު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 97.4 ޕަސެންޓް އިތުރުވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއީން ފާހަގަކޮށްފައިވެ އެވެ.

ޖުލައި މަހު ލިބުނު އާމްދަނީގެ އަދަދުތައް

  • އިންކަމް ޓެކްސް - 1.29 ބިލިއަން ރުފިޔާ
  • ޖީއެސްޓީ - 577.79 މިލިއަން ރުފިޔާ
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 537.30 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް - 61.51 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 53.92 މިލިއަން ރުފިޔާ
  • އެހެނިހެން ޓެކުހާއި ފީ - 134.31 މިލިއަން ރުފިޔާ

މީރާއިން ބުނީ މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.