މޯލްޑިވްސް މީޑިއާ ކައުންސިލް

"މީސް މީޑިއާ" ޕޭޖާއި ވެބްސައިޓް މައްސަލަ ޕޮލިހަށް

Aug 11, 2022

ދިވެހި ނޫސްތަކުގެ ކޮންޓެންޓް ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރާތީ "މީސް މީޑިއާ"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖާއި ވެބްސައިޓުގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމައިފި އެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމީ އެ ކައުންސިލުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުމަށްފަހު އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު އަވަސް އަށް މިއަދު ވިދާޅުވީ "މީސް މީޑިއާ"ގެ މައްސަލަ މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

މީސް މީޑިއާގެ ވެބްސައިޓްގައި ދިވެހި ނޫސްތަކުގެ ލިޔުންތަކާއި ހަބަރުތައް ބޭނުންކޮށްފައި ހުންނަނީ ނޫސްތަކުގެ ހުއްދަ ނެތި އެވެ. އަދި އެ ލިޔުންތަކުގެ ކުރު ލިޔުންކޮޅެއް ފެންނަ ގޮތް ހެދުމަށްފަހު އިތުރަށް ކިޔާލަން ބޭނުންވާނަމަ މަހަކު 30 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވެބްސައިޓް ފަރުމާކޮށްފައިވެ އެވެ.

ފައިސާ ފޮނުވުމަށް ޖަހާފައިވަނީ އަމިއްލަ މީހެއްގެ އެކައުންޓް ނަންބަރެކެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ ކޮޕީރައިޓާ ބެހޭ ގާނޫނުގައިވާ ގޮތުން މީހެއްގެ ލިޔުމެއް އަދި މަޒުމޫނެއް ވިޔަސް އެ މީހާގެ ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ ޖިނާއި ކުށެކެވެ. ކުށުގެ އަދަބެއްގެ ގޮތުގައި 50,000 ރުފިޔާ އާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ ކަމަށް ގާނޫނުގައިވެ އެވެ.

ދިވެހި ނޫސްތަކުގެ ކޮންޓެންޓް ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރާތީ "މީސް މީޑިއާ"ގެ މައްސަލަ ބަލަން ފެށުމުން އެމީހުންގެ ފޭސްބުކް ޕޭޖުގައި ހުރި ލިޔުންތައް ވަނީ ނަގާފަ އެވެ. އަދި އެ ވެބްސައިޓް މިވަގުތަށް ވަނީ ޑައުންކޮށްފަ އެވެ.